Advertisement
ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 14:22
ޕާކިސްތާނުގައި ފެންބޮޑުވެ 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން އޭގެ އަސަރު ވަނީ ކޮށްފައި
ޕާކިސްތާނުގައި ފެންބޮޑުވެ 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން އޭގެ އަސަރު ވަނީ ކޮށްފައި
ރޮއިޓާސް
ޕާކިސްތާނުގައި ފެންބޮޑުވުން
ޕާކިސްތާނުގައި ތިބި ދިވެހިންގެ ޙާލު ރަނގަޅު: ފޮރިން މިނިސްޓްރީ
ޕާކިސްތާންގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުމެފައި
ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު އެބަތިބި
ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި 67 ދިވެހިން މިހާތަނަށް ރަޖިސްޓްރީ ވެފައިވޭ

ބޯކޮށް ވާރޭވެހި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ގޯސްވެފައިވާއިރު، އެ ޤައުމުގައި ތިބި ދިވެހިންގެ ޙާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން އެކަމުގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް އެކި ގޮތްގޮތުން ކުރިމަތިލާން ޖެހިފައިވާއިރު، ފެންބޮޑުވެ ދިމާވަމުންދާ ހާދިސާތަކާއި ގުޅިގެން ޕާކިސްތާންގެ އަސްކަރިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުމެފައެވެ. އެގޮތުން ޕާކިސްތާނުގައި މޫސުން ގޯސްވެ ފެންބޮޑުވެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު ތިބިއިރު، ބައެއް ހިސާބުތަކަށް ދެ މަހެއްހާ ދުވަސް ވަންދެން ވިއްސާރަ މޫސުމާ ކުރިމަތިލާންޖެހުމާ ގުޅިގެން ބޮޑެތި ހިސާބުތަކުގައި ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި 1500ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަދި އެތައް އިމާރާތްތަކަކާ ބްރިޖްތަކެއްވެސް ވަނީ ވެއްޓިފައެވެ. ފެންބޮޑުވެ ނުވަތަ ކިސަޑު ބޯވުމުގެ ސަބަބުން ގިނަ މަގުތަކެއް ބަންދުވެފައިވާއިރު އެސަރަހައްދުތަކަށް ސަޕްލައި ރައްދުކުރެވޭނެ ގޮތެއްވެސް ވަނީ ނެތިފައެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި 67 ދިވެހިން މިހާތަނަށް ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. ގިނަ ދިވެހިން ދިރިއުޅެމުންދަނީ ލަހޯރާއި ކަރާޗީގައިކަން ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ.

Advertisement

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ހައިކޮމިޝަނުން ގެންދަނީ އެ ހުރިހާ ދިވެހިންގެ ޙާލުވެސް ގާތުން ބަލަމުންނެވެ. އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާނުގައި މޫސުން ގޯސްވެ ފެންބޮޑުވެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު ތިބިއިރު، އެމީހުންގެ އަޑު ބޭރަށް ފޯރާނެ ގޮތެއް ނެތެވެ. އެގޮތުން ކަރަންޓާއި އިންޓަރނެޓް ކެނޑިފައިވާއިރު، އާންމު ދަތުރުފަތުރަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ދަނޑުބިންތަކާއި މަގުތަކާއި ގިނަ އަދަދެއްގެ ގެތަކާއި ބްރިޖުތައްވެސް ވަނީ ޙަލާކުވެފައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިން އެމެރިކާ ޑޮލަރަށް އަރާ ކަމަށް އެ ޤައުމުގެ ޕްލޭނިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިނިސްޓްރީން ބުނެފައިވަނީ 10 ބިލިއަން ޑޮލަރަކީ މިވަގުތައް އަންދާޒާ ކުރެވޭ އަދަދެއް ކަަމަށެވެ.

އެހެންވެ، މި ކާރީސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަސްލު އަގު އެއަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އަސްލު އަގު އެނގޭނީ ފުރިހަމަ ދިރާސާއަކަށްފަހު ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް