ޕާކިސްތާނުގައި ތިބޭ ދިވެހި ދަރިވަރުންނަށް ވިސާގެ މައްސަލަ ދިމާވަކަމަށް ދެކެވެމުންދާ ވާހަކައަށް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ރައްދު ދީފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަދަކުރާނެކަން އިއުލާނުުރައްވާފައިވާ ދަނގެތި ދާއިދާގެ މެންބަރު މުހައްމަދު ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނުގައި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ވިސާގެ މައްސަލަތަކުގެ ރިޕޯޓްތައް އަޑުއެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ވިސާގެ މައްސަލަތައް ހައްލުކުރުމަށް ދިވެހި ސަރުކާރުން، އަދި ވަކިން ހާއްސަކޮށް ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެއްވެސް އެހީތެރިކަމެއް ނުދޭތީ ދަރިވަރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނެފައިވަނީ ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ރަނގަޅު ގުޅުމެއް އޮންނައިރު، ވިސާ އުވާލުމުގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށް އެކަމުގެ ފަސޭހަލިބެމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ވިސާ އިތުރުކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ ޓައިމްލައިންތަކާއެކު އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ކަމަށެވެ.
ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ ނާޒިމްގެ ވާހަކަތައް ދޮގުކޮށްފައެވެ. ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީން ބުނެފައިވަނީ އެމްބަސީން ޖަވާބެއް ނުދޭ ދަރިވަރެއްގެ އިންކުއަރީ/އެހީއަށް އެދުނު އިންކުއަރީއެއް ހައިކޮމިޝަނަށް ލިބިފައެއް ނުވާ ކަމަށެވެ. އަދި ވިސާ ޕްރޮސެސްކުރުމުގައި އެމްބަސީގެ ދައުރެއް ނެތް ކަމަށާއި، އެކަމަކު ދަތިތަކެއް ކުރިމަތިވެއްޖެނަމަ ގުޅުމަށް ވަނީ އެދިފައެވެ. އެމްބަސީން ބުނެފައިވަނީ އެމްބަސީން ތިބީ ޕާކިސްތާނުގައި ތިބި ހުރިހާ ދިވެހިންނަށް އެހީތެރިވެދިނުމަށް ކަމަށެވެ.
ނާޒިމްގެ ޓްވީޓާއި ގުޅިގެން އާންމުން ވަނީ ފާޑުވެސް ކިޔާފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އުނދަގޫވެގެން އުޅުއްވަނީ މިއީ 2023ށް ވެފައި ސެޕްޓެމްބަރު މަސް ކައިރިވާތީ ކަމަށެވެ. އަދި ނާޒިމަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށާއި، ތީ ޗޮއިސްއެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ.