މަސްމާރުކޭޓުގައި ކަނޑުމަސް ކިލޯއެއް އަގު އަނެއްކާވެސް 40ރ. އާއި 50ރ. އަށް އަރައިފި އެވެ.
މަސް މާރުކޭޓުގައި މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު، ރަމަޟާން މަސް ފެށުނު އިރު ކަނޑުމަސް ކިލޯއެއްގެ އަގު އުޅެނީ، 40ރ. އާއި 60ރ. އަށެވެ. ކަނޑުމަހުގެ އަގުތައް އުފުލިފައިވަނީ މަސް ލިބުމުގައި ދަތިތައް ކުރިމަތިވާތީ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ކުރިއަށް އޮތްތަނުގައިވެސް އަގު ހެޔޮވެގެންދާނީ، މަސް ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.
ފަރުމަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު ފާނަ ކިލޯ އެއް އުޅެނީ 60ރ. އަށް ކިލޯއެކެެވެ. ވަކިން މަސް ވިއްކާ އިރު އަގުތައް އުޅެނީ 250ރ. އިން 350ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ކަނޑުހާގެ އަގު އުޅެނީ، 150ރ. އާއި 100ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ފިލޮޅުގެ އަގު އުޅެނީ، 100ރ. އިން ފެށިގެން 180ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރަތްމަހުގެ އަގު އުޅެނީ، 80ރ. އާއި 150ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ރޮނޑުގެ އަގު 100ރ. އަށް އުޅޭއިރު މާނިޔާ މަސް އުޅެނީ 50ރ. އަށް އަދި 80ރ. އަށެވެ.
ފަރުމަހުގެ ޑިމާންޑް އޮތް ނަމަވެސް، މާރުކޭޓުގައި ފަރު މަސް ލިބެން ހުރީ ވަރަށް މަދުންނެވެ.