ގއ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އާއި މަސް ގަނެވޭނެ ގޮތް ހެދުމަށް ހޮރައިޒަން ފިޝަރީޒް އާއި ހަވާލު ކުރި މަސައްކަތް ނިންމަން ތަކުރާރުކޮށް ފުރުސަތުތައް ދީގެންވެސް އެ މަސައްކަތް ނުނިމި 17 އަހަރު ވަނީ ދިގުލައިގެން ގޮސްފައެވެ. މި މަސައްކަތް ނުނިމި ވުމަކީ މަސްވެރިކަމުގެ ދާއިރާ އާއި މަޑަވެލީ ދާއިރާގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އަޅަން ހޮރައިޒަންއަށް ދިން ބިމުގައި އެ މަސައްކަތް ނުފަށާތީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.
އެއް އަހަރުގެ ތެރޭގައި ނިންމަން ބުނި މަސައްކަތް ކުރިއަށް ނުގޮސް 17 އަހަރު! ސަބަބަކީ ކޮބާ؟
ހޯޑެއްދޫގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށާއި މަަސްގަތުމުގެ މަސައްކަތް ކުރުމަށް އެ މަސައްކަތް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން އާއި ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައެވެ. 2005 ވަނަ އަހަރުގެ އޮގަސްޓް މަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެ މަސައްކަތަށް ބޭނުންވާ ބިން ހަވާލުކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ބޭނުންވާ ބިން ދޫކުރީ 8 ޑިސެމްބަރު 2005ގައި ކަމަށް ވުމާއި އެކު އެ މަސައްކަތް ނިންމަން ޖެހެނީ 7 ސެޕްޓެމްބަރ 2006ގެ ނިޔަލަށެވެ.
އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ ތަކުރާރުކޮށް އެކިފަހަރު މަތިން އެ މަސައްކަތް ނިންމުމަށް ހޮރައިޒަން އަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ މަސައްކަތް ލަސްކޮށްފައި ވަނީ އެ މަޝްރޫޢުގައި މަސައްކަތް ކުރާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވުމާއި، މަަސައްކަތަށް ބޭނުންވާ ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ހޮރައިޒަން އިން މަސައްކަތް ފުރިހަމަ ކުރަން އިތުރު މުއްދަތަކަށް އެދުމުން އެންމެ ފުރަތަމަ އެ ކަމަށް ފުރުސަތު ދީފައި ވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަަލަށެވެ.
އޭގެ ފަހުން ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމުން މަސައްކަތް ނުކުރެވިވާ ކަަމަށް އެ ކުނފުނިން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައެވެ. އެ ސަބަބާއި ހުރެ ދަތިތައް ކުރިމަތިވާކަން ހޮރައިޒަން އިން އެންގުމުން އެ ފަހަރު ވެސް މަސައްކަތް ކުރުމަށް ދިން މުއްދަތު ވަނީ އިތުރުކޮށްދީފައެވެ. އޭގެ ފަހުން 2010 ވަނަ އަހަރު އޭރުގެ ސަރުކާރުން ހޮރައިޒަން އާއި އެކު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނައެވެ. އަދި ކުރިން ފާހަގަކުރި ވެލި ފުނި ނަގައިގެން ގޮންގޮސް އަޅާނެ ތަނެއް ސަރުކާރުން ދައްކާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އޭރު އެއްބަސްވިއެވެ. އެހެންނަމަވެސް އެ ވެލި އަޅާނެ ތަނެއް ދައްކާފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވިދާޅުވިއެވެ.
އޭގެ ފަހުން 2019 ވަނަ އަހަރު އެ ވެލި ފުނި ނަގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ވަނީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް 2019 ވަނަ އަހަރު ވެސް ހޮރައިޒަން އިން ފިޝަރީޒް މިނިސްޓްރީ އަށް އަންގާފައިވެއެވެ. އެހެން ނަމަވެސް އެކަށީގެންވާ ވޯކް ޕްލޭނެއް ހުށަހަޅާފައި ނުވާތީ، ވޯކް ޕްލޭނެއް 10 ޖޫން 2019 ގަ ހުށަހަޅަން ހޮރައިޒަން ފިޝަރީޒަށް ލިއުމުންވަނީ އަންގާފައެވެ. އެ އެންގުމުގެ ޖަވާބުގައި ހޮރައިޒަން އިން ބުނީ ކޯލްޑް ސްޓޯރޭޖް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ހޯދަން ހަ މަސް ދުވަސް ވަރު ހޭދަ ވާނެ ކަމަށެވެ. އޭރު އެ ކުންފުނިން ބުނީ އެ ފައިސާ ހަަމަޖެހުމުން އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
އޭގެ ފަހުން ވޯކް ޕްލޭނެއް އަލުން ހުށަހަޅަން މިނިސްޓްރީން 2020 ވަނަ އަހަރު ހޮރައިޒަން އަށް އެންގިއެވެ. އެހެންނަމަވެސް އޭރު ކޮވިޑް-19 އާ ހެދި މަސައްކަތް މަޑުޖެހިފައިވުމާއި، ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމުން މަސައްކަތް ލަސްވެފައިވާ ކަމަށް އަނެއްކާވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން ތަފާތު އެކި ސަބަބުތަކާއި ހުރެ މި އަދާއި ހަމައަށް އައި އިރު ވެސް މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
ހޮރައިޒަން މައްސަލައިގައި މިނިސްޓަރު ހޫނު ފެނަށް: މިނިސްޓަރު!
މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި މެމްބަރުންގެ ޝަކުވާއަކަށްވީ މިނިސްޓަރ ހޮރައިޒަންގެ ދިފާއުގައި ވާހަކަދައްކަވާކަަން ފާހަގަކުރައްވާ މެމްބަރުން ކުރެއްވި ޝަކުވާތަކެވެ. އެގޮތުން ހޯޑެއްދޫގައި ހޮރައިޒަން އިން ހަދަން ފަށާފައިވާ މަސް ފެކްޓްރީ ނިންމަން ދީފައިވާ މުހުލަތަކީ ކޮބައިތޯ އާއި އެ މަސައްކަތް ނުނިމި 17 އަހަރު ވީ އިރު މިނިސްޓްރީން އެޅި ފިޔަވަޅަކީ ކޮބައިތޯ ކުރި ސުވާލަށް އެކަށީގެންވާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ހޮރައިޒޮން އަށް ދިމާވާ ގޮންޖެހުންތައް ތަފްސީލްކޮށްދެއްވާފައިވާ ކަމަށް ބުނެ މެމްބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މެމްބަރު ފިރުޝާން ވަނީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ޑރ. ހުސައިންއަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވާ ބޭފުޅެއްތޯ ނުވަތަ ހޮރައިޒަންގެ ހައްގުގައި ވަކާލުކުރައްވާ ބޭފުޅެއްތޯ ސުވާލުކުރައްވާފައެވެ. އަދި މިނިސްޓަރ އިތުރުފުޅުހައްދަވާ ކަަމަށް ވެސް ފިރުޝާން ވަނީ ތުހުމަތުކުރައްވާފައެވެ.
ފިރުޝާންގެ އެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ ވަނީ އެމަނިކުފާނު ދޮގު މައުލޫމާތެއް ދެއްވާފައި ނުވާނެ ކަމަށާއި ހިއްސާކުރައްވަނީ މަޖިލީހުގެ ހިސާބުކިތާބުން އެނގެން ހުރި ކަންތައް ކަން ފާހަގަކުރައްވާފައެވެ.
އޭގެ ފަހުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ މިނިސްޓަރު ހުސައިން ވާހަކަ ދައްކަވަނީ ހޮރައިޒަންގެ ދިފާއުގައި ކަމަށް ފާހަގަކުރައްވާ މިނިސްޓަރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހޮރައިޒަންއާއި ބެހޭ ގޮތުން މިނިސްޓަރާ ސުވާލުކުރުމަކީ ބައްޕައާއި ބެހޭ ގޮތުން ދަރިއަކާ ސުވާލުކުރުން ކަހަލަ ކަމެއް ކަމަށް ޝިޔާމް ވަނީ ސިފަކުރައްވާފައެވެ.
އަދި މިނިސްޓަރ މީގެ ކުރިން ވެސް މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް މެމްބަރަކު ތުހުމަތުކުރެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އެ ވަގުތު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރަނގަޅު މައުލޫމާތު ސާފުކުރެއްވުމަށް ފަހު މެމްމަބަރުންނާއި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ޑރ.ހުސެއިން އަށް ހޮރައިޒަންގެ މައްސަލައިގައި މެމްބަރުންގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިވަޑައިގެންފައި ވާއިރު އެ މަނިކުފާނަކީ ހޮރައިޒަން ކުންފުނި އެ ފަރާތަކަށް ނިސްބަތްވާ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ހޮރައިޒަންގެ ދިފާއުގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ ތަކުރާރު ކޮށްވިދާޅުވިއެވެ.