ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 07:03
ޕާކިސްތާނުގައި ފެން ބޮޑުވެފައި
ޕާކިސްތާނުގައި ފެން ބޮޑުވެފައި
ސީ.އެން.އެން
ޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވުން
މި ހިތާމަވެރި ވަގުތުގައި ދިވެހިން ތިބީ ޕާކިސްތާނާއެކު: ރައީސް
ޕާކިސްތާނުގައި ފެންބޮޑުވެ މިހާތަނަށް 1033 މީހުން ވަނީ މަރުވެފައި

ޕާކިސްތާނުގައި ފެންބޮޑުވެ ގިނަބަޔަކު މަރުވެފައިވާއިރު އެ ޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ވަގުތުގައި ދިވެހިން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ޚަބަރު އަޑުއެއްސެވީ ހިތާމައާއެކު ކަމަށެވެ. އަދި މި ހިތާމައިގައި ދިވެހިންގެ ދުޢާ އާއި ހަމްދަރުދީ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި އެ ޤައުމުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1033 މީހުން ވަނީ މަރުވެފައެވެ. އެގޮތުން އާދީއްތަ ދުވަހު އެކަނިވެސް 119 މީހުން ވަނީ މަރުވެފައެވެ.

އެ ޤައުމުގައި ފެންބޮޑުވެ، ލިބިފައިވާ ގެއްލުން ބޮޑުވުމުގެ ސަބަބުން އެ ޤައުމުން މިހާރު ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. މިހާތަނަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫއޭއީއިން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް އިތުރު އެހީ ބޭނުންވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން 10 ބިލިއަން ރުޕީސް (45 މިލިއަން އެމެރިކާ ޑޮލަރު) ދޭން ނިންމަވާފައެވެ. އެގޮތުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް 25000 ރުޕީސް (112 ޑޮލަރު) މި ހަފްތާ ތެރޭގައި ދޭން ފެށިގެންދާނެ ކަމަށް އެމަނިކުފާނާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

މި ކާރިސާގައި 1000 އަށްވުރެ ގިނަ މީހުން މަރުވެ 2 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު ގިނަ އަދަދެއްގެ ނަޢަމް ސޫފި މަރުވެ މަގުތަކާއި ބްރިޖުތައއް ވެސް ހަލާކުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ޕާކިސްތާނުގެ ދެކުނު އިރުމަތީ ޕްރޮވިންސުގެ ސިންދު އާއި ދެކުނު ހުޅަނގު ޕްރޮވިންސުގެ ބަލޮޗިސްތާނަށެވެ.

- ކޮމެންޓް