ހދ. ނޮޅިވަރަންފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ފިހިއްޖެއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އާއި 7:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެފައި ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޭސް ލީކުވެފައި ހުއްޓައި އަލިފާން ރޯކުރުމުން އެ ގޭހުގެ ޒަރީއާއިން އެވަގުތު އެތަނުގައި ތިބި ދެ މައިންގެ ގައިގައި އަލިފާން ރޯވީ ކަމަށެވެ. ގޭސްފުޅި ނުގޮވާ ކަމަށާއި ގޭގެ އެހެން އެއްވެސް ތަނެއްގައި ރޯނުވާ ކަމަށް ވެސް ނަދީމް މައުލޫމާތު ދެއްވިއެވެ.
ނަދީމް ވިދާޅުވި ގޮތުގައި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 32 އަހަރުގެ އަންހެނަކަށާއި އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅަށެވެ. އަންހެން މީހާގެ އަތާއި ފައި އަދި މޫނު ފިހިފައިވާއިރު ކުޑަކުއްޖާގެ ވެސް އަތާއި ފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދެމައިންނަށް ލިބިފައިވާ ގެއްލުމުގެ ސީދާ ތަފްސީލު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދެމައިންނަށް އެންމެ ފުރަތަމަ ފަރުވާ ދޭން ފެށީ ނޮޅިވަރަންފަރު ހޮސްޕިޓަލުގައެވެ. އެއަށްފަހު މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ދެމައިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ނަދީމް ވިިދާޅުވިއެވެ.
ދާދިފަހުން ގދ. ރަތަފަންދޫގައި ވެސް ވަނީ ގޭސް ލީކުވެ، އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ނިޔާވެފައެވެ.