ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 16:00
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
މޫސުން ގޯސްވުން
މޫސުން ގޯސްވެ ފެންބޮޑުވެދާނެތީ ދުރާލައި ފިޔަވަޅު އަޅަން އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި
މޫސުން ގޯސްވާނެތީ ކަނޑުދަތުރުކުރުމުގައި ސަމާލްވާން ވަނީ އެދިފައި
މީގެ ކުރިން ފެންބޮޑުވެ، އުފަ އެރުމުގެ އަަސަރު ބައެއް ރަށްތަކަށް ވަރަށް ބޮޑަށް ކޮށްފައިވޭ

މޫސުން ގޯސްވެ ފެންބޮޑުވެދާނެތީ ދުރާލައި ފިޔަވަޅު އަޅަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ. އެންޑީއެމްއޭ އިން ވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހިގެން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު ތައް އެޅުމަށް އާންމުންނަށް އެ އޮތޯރިޓީ އިން އިލްތިމާސްކޮށްފައި ވެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ވަނީ ގޯސްވެފައެވެ. އަދި މެޓް އޮފީހުން ހުކުރު ދުވަހު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިހާރު ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މީގެ އިތުރުން ދަތުރު ކުރާއިރު ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިއަދު އެންޑީއެމްއޭއިން އެދިފައިވެ އެވެ. އެ އޮތޯރިޓީ އިން ވަނީ ކަނޑުމައްޗަށް ނުކުންނަ ނަމަ ސަލާމަތީ އާލާތްތައް ހަމަތޯ އާއި މުވާސަލާތީ ނިޒާމު މަސައްކަތް ކުރާކަން ކަށަވަރު ކުރަން ނަސޭހަތްތެރިވެފައެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ދުވަސްވަރު ވެސް ބޯކޮށް ވާރޭވުހުމުގެ ސަބަބުން އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ވަނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން އާދަޔާ ހިލާފަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން ވެސް ބައެއް ގެތަކަށް ގެއްލުންވި އެވެ.

- ކޮމެންޓް