Advertisement
ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 13:07
ހުތުބާ
ހުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ފާފައެއް ކުރެވޭ ވަގުތު ލަސްނުކޮށް ތައުބާވާން ޖެހޭ: ޚުތުބާ
މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ އުޚުރަވީ ހަޔާތަށް
އުޚުރަވީ ހަޔާތް ބާއްޖަވެރިކުރަން ފާހިޝް އަމަލުތަކުން ދުރުވާން ޖެހޭ
އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރަން ބޭނުންވާނަމަ ފާފައެއް ކުރެވިއްޖެނަމަ ވަގުތުން ތައުބާވާން ޖެހޭ

ފާފައެއް ކުރެވިއްޖެ ނަމަ އެ ފާފައެއް ކުރެވުމާއެކު ވަގުތުން ލަސްނުކޮށް، ތައުބާ ވާން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ދުނިޔޭގެ ދަޅަތަކުން ސަލާމަތްވެ، އާޚިރަތައް ތައްޔާރުވަމަށެވެ. އެގޮތުން، ޚުތުބާގައި ބުނެފައިވަނީ މާތް ﷲ އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިވަނީ ނިސްބަތުން ވަރަށް މަދު ދުވަސްކޮޅަކަށް ކަމަށެވެ. ކޮންމެ މީހަކީ ވެސް އަޖަލެއް ކަނޑައެޅިފައިވާ މީހެއް ކަމަށާއި އެހެންކަމުން ދުނިޔޭގައި އުޅުމައްޓަކައި މާތްﷲ ދެއްވި މި ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އުޚުރަވީ ހަޔާތް ބާއްޖަވެރިކުތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

Advertisement

އިންސާނާގެ ހަގީގީ މަންޒިލަކީ އުޚުރަވީ ހަޔާތްކަން އެންމެ ހިނދުކޮޅެއްގައި ވެސް ހަނދާން ނައްތާނުލުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެއީ އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައިވަނީ އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ކަމަށްވާތީއެވެ.

މީގެ އިތުރުން ދުނިޔޭގައި މާތްﷲ ދެއްވާ މުދަލާއި އަނބިދަރިންނަކީ އިންސާނުން ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައި ހުށަހެޅޭ އިމްތިހާނެއް ކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ދުނިޔެއިން ލިބޭނެ ހަމައެކަނި އެއްޗަކީ އެ މީހަކު އާޚިރަތުގެ ދަރުމައާއި ސަވާބު ހޯދުމަށް ކުރާ ހެޔޮ އަމަލުތަކުގެ ނަތީޖާ ކަމަށް ވަނީ ބުނެފައެވެ.

މުދަލާއި ދަރީންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ސަވާބުގެ ގޮތުން މާ ހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާ ހެޔޮކަން ބޮޑުމެވެ.
ކީރިތި ޤުރުނުގެ އާޔަތެއްގެ މާނަ

ދުނިޔޭގެ އުފަލާއި އަރާމަކީ ހިނދުކޮޅެއްގެ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ނުމެނުވާ ނިޢުމަތްތައް ހުރީ އާޚިރަތުގައި ކަމަށެވެ. އެ ބާއްޖަވެރިކަން ހާސިލުވާނީ ދުނިިޔޭގެ ކެހިވެރި ދަލުގައި ނުޖެހި، ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރާ މީހުންނަށް ކަމަށް ވަނީ ބުނެފައެވެ.

އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ކުރެވިފައިވާ ކުށްފާފަތަކުން ވީހާވެސް އަވަހަށް ދުރުހެލިވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ތެދުވެރި ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މުސްލިމް އަޚުންނޭވެ! އަހަރުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ފާފައެއް ކުރެވޭ ހިނދު ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. ވަކި ވަގުތެއް ޖެހެންދެން، ނުވަތަ ވަކިތާކަށް ދެވެންދެން، ތައުބާވުން ލަސްކުރުން ހުއްދަވެގެންނެއް ނުވެއެވެ. ފާފައެއް ކުރެވޭ ވަގުތު ލަސްނުކޮށް ތައުބާވާން ޖެހެއެވެ. މާތް ﷲ ގެ އޯގާވަންތަކަމާއި ރަހުމަތްފުޅު ތަނަވަސްވެގެންވެއެވެ.
ޚުތުބާ

ޚުތުބާގައި ބުނެފައިވާ ގޮތުގައި ސުވަރުގެ ދިއުމުގެ މަގަކީ މުންކަރާތްތަކާއި ފާހިޝް އަމަލުތަކާއި ޝަހުވާނީ އެދުންތަކުން ވަށާލާފައިވާ ތަކުލީފުތަކާއި އުނދަގޫތަކުން ފުރިފައިވާ މަގެކެވެ. އެހެންކަމުން މި ކަންކަމުން ދުރުހެލިވެގެން ނޫނީ ސުވަރުގެއަށް ނުދެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް