ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވުމަށް ލ ދަނބިދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދަންނަވައިފިއެވެ.
ކައުންސިލުން އެކަމަށް އެދުނީ ދަނބިދޫ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހުގައި ކުރިޔަށްގެންދެވި ބައްދަލުވުމުގައެވެ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެކަންނުވާތީ ކަލައިދޫ ރައްޔިތުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިހުތިޖާޖުކޮށްފައެވެ.
މިބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުން ވަނީ، ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައި ތިބެނިކޮށް މި ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ޞިއްޙީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލްގެ ލައިބްރަރީއެއް އިމާރާތްކުރުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުންވަނީ ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ދާއިރާގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގައި ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން އޮތް ކަމަށާ، ރަށުގެ ނެރުބައްތި ނެތުމާ، ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވާކަންކަމުގެ މަަޢުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ޙިއްޞާކުރައްވާފައެވެ. ބައްދަލުވުމަށްފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލ. ދަނބިދޫ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އިސްކަން ދޭންވީ މަޝްރޫޢުތަކާ އަދި އެ ކަންކަމާއެކު ކުރިއަށް ދާންވީ ގޮތާ މެދު މަޝްވަރާކޮށްފައިވާކަމަށެވެ.