ފްރާންސް އާއި އިނގިރޭސި ވިލާތާއި ދެމެދު ރޭލު ދަތުރު ކުރުމަށް އަޅާފައިވާ ކަނޑުއަޑީގެ ޓަނަލު ނުވަތަ މަގުގައި ފަސިންޖަރުންތަކެއް ބަންދުވެ އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހިއްޖެއެވެ. ހާމަވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިއުރޯ ޓަނަލް ތެރޭ ބަޔަކު ހިނގާފަ ދާތަން ފެނެއެވެ. މިހެން ދިމާވީ ފްރާންސްގެ ކެލެއިސް އިން އިނގިރޭސި ފޯކްސްޓޯންއަށް ދަތުރުކުރި ރޭލްއަކަށް މައްސަލަ ދިމާވެ ރޭލު ހުއްޓުމާއި ގުޅިގެންނެވެ. އެހާ ހަމައިން ރޭލުން މީހުން ބާލާ އިމަރޖެންސީ ޚިދުމަތަށް އަޅާފައިވާ ޓަނަލަކަށް ބަދަލު ކުރަން ޖެހުނެވެ. ފަސިންޖަރުން ޓަނަލް ތެރޭ ފަސްގަޑިއެއްހާއިރު ތިބި ފަހުން އެހެން ރޭލެއް ގެނެސް އެމީހުން ވަނީ ޓަނަލް ތެރޭން ނެރެ ކެންޓްގެ ޓަރމިނަލްއަށް ގެންގޮސްފައެވެ.
ކަނޑުއަޑީގެ ރޭލުގެ ޚިދުމަތްދޭ ކުންފުނިން ބުނީ ރޭލުގެ އެލާމް އެޅުމުން ރޭލު ހުއްޓާލީ ކަމަށެވެ. އަދި މިކަން ހިނގަން ދިމާވިގޮތެއް ބަލަމުން ދާކަމަށް އެފަރާތުން ބުނެފައި ވެއެވެ.
އަންގާރަ ދުވަހުގެ ހަވީރު ހިނގި މިހާދިސާއާއި ގުޅިގެން ފަސިންޖަރުންގެ ތެރެއިން އެކަކު ބުނީ އެންމެންވެސް ތިބީ ވަރަށް ބިރުގަނެފައި ކަމަށާއި އިހުސާސް ކުރެވުނީ ޑިޒާސްޓަރ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައި ކަމަށެވެ. ބިރުން ރޮމުން ދިޔަމީހުން ފެނުނު ކަމަށާއި އެކަކަށް ޕެނިކް އެޓޭކެއް ވެސް ޖެހުނު ކަމަށް އޭނަ ބުނެފައިވެއެވެ. ވާނުވާ ގޮތެއް ނޭނގި ކަނޑު އަޑީގައި ތިބެން ޖެހުނީމަ އެންމެންވެސް ތިބީ ވަރަށް ހާސްވެފައި ކަމަށް ފަސިންޖަރުން ބުނެފައި ވެއެވެ.
މި ރޭލަކީ ބޭނުންވާ މީހުން އަމިއްލަ ވެހިކަލްވެސް ހިފައިގެން ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ރޭލެކެވެ. ނަމަވެސް މިހާދިސާ އަށް ފަހު ފޯކްސްޓޯން އަށް ފޯރުމަށްފަހު ވެހިކަލް ހިފައިގެން ދިޔަ މީހުންނަށްވެސް ޖެހުނީ ވެހިކަލްތައް ރޭލު ތެރެޔަށް ދޫކޮށްލާފަ ހިނގާފަ ބޭރަށް ނުކުންނަން ކަމަށް ޚަބަރުތައް ބުނެއެވެ.