ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 20:34
ވެލެންސިއާގެ ކޯޗުގެ އަޙްމަދު މުޖުތަބާ (ފެސްކޯ)
ވެލެންސިއާގެ ކޯޗުގެ އަޙްމަދު މުޖުތަބާ (ފެސްކޯ)
މިހާރު
ދިވެހިލީގު ކޮލިފިކޭޝަން
ކޮލިފިކޭޝަންގެ ފޯމެޓް އިންސާފްވެރިއެއްނޫން- ފެސްކޯ
 
ދިވެހި ލީގު ކޮލިފިކޭޝަން ބުދަ ދުވަހު ފަށާނެ

ދިވެހި ލީގު ކޮލިފިކޭޝަންގެ ފޯމެޓް އިންސާފްވެރިނޫންކަމަށް ކްލަބް ވެލެންސިޔާގެ ހެޑްކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ފެސްކޯ ބުނީ އޭނާ ދެކޭ ގޮތުގައި މިހާރު ކޮލިފިކޭޝަން އޮތީ ވާދަކުރެވޭނެ ޓީމްތަކެއްގެ މެދުގައި ނޫންކަމަށެވެ. ފުރަތަމަ ޑިވިޝަންގެ ފުލަށްދާ ދެޓީމާއި, ދެވަނަ ޑިވިޝަނުން އަންނަ ދެޓީމާއި ވާދަ ނުކުރެވޭނެކަމަށް ފެސްކޯ ބުންޏެވެ. ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަމުން ފެސްކޯ ބުނީ ފުރަތަމަ ޑިވިޝަންގެ ދެޓީމް ތޭވީހަކަށް މެޗު ކުޅުމަށްފަހު ކޮލިފިކޭޝަންއާ ކުރިމަތިލާއިރު, ދެވަނަ ޑިވިޝަނުން އަންނަނީ ޕްރެޝަރެއް ނެތި ހައެއްކަ މެޗު ކުޅެލާ ދެޓީމެއްކަމަށެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް މުޅި މުބާރާތުގައި ޕްރެޝަރުގައި ކުޅެލަން ލިބުނީ އެންމެ މެޗެއް ކަމަށާއި, އެކަމަކު ފުރަތަމަ ޑިވިޝަނުން ކޮލިފިކޭޝަނަށް ދާ ދެޓީމަކީ ހަމައެކަނި ލީގުގައިވެސް އެދެޓީމަށްވުރެ ވަރުގަދަ ޓީމްތަކާއެކު ޕްރެޝަރ އެކާވީސް މެޗު ކުޅެފައިވާ ދެޓީމްކަން ފެސްކޯ ފާހަގަކުރިއެވެ.

ކިހިނެއްތޯ ފުރަތަމަ ޑިވިޝަނުން އަންނަ ދެޓީމާ ވާދަކުރާނީ. ކިހިނެއްތޯ މި ޓީމްތައް އަޅާކިޔާނީ. މުޅި އަހަރު ޕްރެކްޓިސްކޮށް, ވަރުގަދަ ބާވީސް, ތޭވީސް މެޗު ކުޅެފަ އަންނަ ދެޓީމާ ދެވަނަ ޑިވިޝަނުން އަންނަ ދެޓީމާ ވާދަކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. މިއީ އިންސާފްވެރިގޮތެއްކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ.
އަހުމަދު މުޖުތަބާ/ ވެލެންސިޔާގެ ހެޑް ކޯޗު

ދިވެހި ލީގު ކޮލިފިކޭޝަން ބުދަ ދުވަހު ފަށާނެއެވެ. ކޮލިފިކޭޝަންގައި ވާދަކުރަނީ ދިވެހި ޕްރިމިއަރ ލީގުގެ ފުލަށް ދިޔަ ދަ ގްރާންޑޭއާއި, ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އާއި, ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯރޓްސް ކްލަބާއި, އެމުބާރާތުގެ ރަނަރަޕް ކްލަބް ޓީނޭޖެވެ. ފުރަތަމަ ޑިވިޝަންގެ ފަހު ދެ ޖާގަ ލިބޭނީ މިހަތަރު ޓީމްގެ މެދުގައި ލީގު ބުރެއް ކުޅެ ނިމޭއިރު އެންމެ ކުރި ހޯދާ ދެޓީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
50%
0%
0%
0%
ކޮމެންޓް