ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 20:09
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް
ސޯޝަލްމީޑިއާ
ޕްލެޓްފޯމް ފަރަށް އެރުން
2 ދުވަސްތެރޭ ފަރުމަތިން ޕްލެޓްފޯމް ނަގާނެ، މަސައްކަތްކުރަނީ ވީހާވެސް ގެއްލުން ކުޑަވާނެގޮތަކަށް
މޫސުން ރަނގަޅުނަމަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޕްލެޓްފޯމް ނެގޭނެކަމަށް އެކުންފުނިން ބުނޭ
ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ކަމެއް ނުހިނގާނެގޮތަކަށް ކޮންޓްރެކްޓަރާއެކު މަސައްކަތްކުރާނެ
ފަރަށް ލިބިފައިވާ ގެއްލުންތައް އީޕީއޭއިން ބަލާނެ

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރަމުން އަންނަނިކޮށް މީގެ ހަފުތާއެއް ކުރިން ވިލިމާލޭ ފަރަށް ބީހުނު ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތަނުން ނަގާނެކަމުގެ ޔަގީންކަން، އެ މަޝްރޫއު ހިންގަމުންއަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ދީފިއެވެ.

މި ޕްލެޓްފޯމް ނެގުން ލަސްވެ ފަރަށް ގެއްލުންވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން، ސަރުކާރަށާއި މި މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏަށް ވަނީ ކުރިމަތިވެފައެވެ. އަދި ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ނުކުރާކަމަށްވެސް އަންނަނީ ބުނަމުންނެވެ.

ފާޑުކިޔުންތައް އިތުރުވެފައިވަނިކޮށް އެފްކޮންސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަން ކުރަމުން އަންނަނީ ފަރަށް ގެއްލުން ނުވާނެގޮތަށް ބަލައިގެންކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހަށް ޕްލެޓްފޯމް ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

ކުންފުނިން އިތުރަށް ބުނެފައިވަނީ، ތިލަމާލެ ބްރިޖްގެ ޖިއޯ ޓެކްނިކަލް ދިރާސާތަކަށް ގެނެފައިވާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" (އެސްއީޕީ) ވިލިމާލޭ ފަރަށް ބީހެން ދިމާވީ ވައިގަދަވުމާއި ރާޅު ބޮޑުވެ މޫސުން ގޯސްވެގެންކަމަށެވެ. ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕްލެޓްފޯމް ނެގުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށްބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ 16 އޮގަސްޓުގައި ވިލިގިނލީގެ އިރުދެކުނު ކަންމަތީގައި، ބްރިޖް ތަނބުތަކުން ތެރެއިން ތަނބެއްގެ މަސައްކަތްކުރުމަށް ޕްލެޓްފޯމެއް އެސަރަހައްދުގައި މޮބަލައިޒްކުރުމަށް މަސައްކަތްކުރެވުނު ކަމަށެވެ. މިޕްލެޓް ފޯމުތައް އެންކަރކޮށްފައި އޮންނަނީ ހަތަރު އެންކަރ ސްޕަޑްގެ އެހީގައެވެ. އެދުވަހު އެމަސައްކަތްކުރަމުންދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި އެސަރަހައްދުގެ އޮއިވަރު ހުރިގޮތުން ވިލިގިނލީ އިރުދެކުނު ކަންމައްޗަށްވާ ގޮތަށް ބޮޑަށް ޕްލެޓް ފޯމު ޖެހުނީކަމަށެވެ.

އެވަގުތު ކޮންޓްރެކްޓަރުގެ ފަރާތުން އެންމެ އިސްކަމެއްދިނީ ޕްލެޓްފޯމް އިތުރު ތަނަކަށް ނުދާނެހެން ދެ ޓަގެއްގެ އެހީގައި ޕްލެޓްފޯމް އެސަރަހައްދުގައި ހިފެހެއްޓުމުގެ މަސައްކަތްކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީކަމަށް ޖިނާން ވިދާޅުވިއެވެ.

ކޮންޓްރެކްޓަރގެ ޑައިވިންގ ޓީމު އެކޮޅަށް ގޮސްގެން ބެލީ އޭގެ އެންކަރ ސްޕަޑްސްތަކުގެ ކޮންޑިޝަންތައް. ބެލިއިރު ތިން އެންކަރ ސްޕަޑް އިނީ އެވަގުތު ރީފް މަތީ ޖެހިފަ. ފާހަގަވީ އެއް އެންކަރ ސްޕަޑް އިނީ ވަރަށް ބޮޑަށް ރީފް އެތެރެއަށް ވަދެފަކަން. ސްޕަޑް ނުނަގާ ޕްލެޓްފޯމް ޓޯކޮށްފިއްޔާ ރީފަށް އިތުރު ގެއްލުންތަކެއް ވެގެން ހިނގައިދާނެތީ އެންމެ އިސްކަމެއް ދެމުންދަނީ ފަރަށް އަރާފައިވާ ސްޕަޑް އެތަނުން ނެގުމުގެ މަސައްކަތް.
މުޙައްމަދު ޖިނާން / ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރ

ޖިނާން ވިދާޅުވީ ކުރިޔަށް އޮތް ދެދުވަސްތެރޭގައި ޕްލެޓްފޯމު ނެގޭނެކަމަށް ބެލެވޭކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިފަދަ ކަމެއް ނުހިނގާނެގޮތަކަށް ކޮންޓްރެކްޓަރާއެކު މަސައްކަތްކުރާނެކަމަށް ޖިނާން ވިދާޅުވިއެވެ. މީގެއިތުރުން އީޕީއޭއާއެކު އަންގާރަ ދުވަހު ބައްދަލުވުމެއް ބާއްވައި ކަންކަން ހިނގަމުންދާގޮތުގެ މައުލޫމާތު ދީފައިވާކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުންތައް ޕްލެޓްފޯމް ނެގުމުން އީޕީއޭއިން ބަލާނެކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް