ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް އިތުރު 74 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.
އެކަމާއި ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބީލަމުގެ އުސޫލުން މިފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ 1095.05 (އެއްހަސް ނުވަދިހަ ފަހެއް ޕޮއިންޓް ސުމެއް ފަހެއް) އަކަފޫޓާއި 2588.14 (ދެހާސް ފައްސަތޭކަ އަށްޑިހައަށެއް ޕޮއިންޓް އެކެއް ހަތަރެއް) އަކަފޫޓުގެ ބިމެވެ.
އެޗްޑީސީން ބުނީ މިފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ހިމެނެނީ އަތިރިމައްޗާއި ކުރިމަތިން (ބީޗް ފްރަންޓް)ން 22 ބިމާއި އަތިރިމައްޗާއި ކައިރިން (ބީޗް ސައިޑް) ން 52 ބިން ކަމަށެވެ.
ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ. އަތިރިމައްޗާއި ކުރިމަތި (ބީޗް ފްރަންޓް)ން ބިން ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6،500 ރ (ހަ ހާސް ފަސްސަތޭކަ) އެވެ. އަތިރިމައްޗާއި ކައިރި (ބީޗް ސައިޑް)ން ބިން ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5،500 ރ( ފަސް ހާސް ފަސްތޭކަ) އެވެ.
ބީލަން ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ އެއް ހާސް ރުފިޔާއަށެވެ. ބީޗް ފްރަންޓާއި ބީޗް ސައިޑަށް ހުށަހަޅާ ފޯމަކީ ވަކި ދެފޯމެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ހުށަހަޅާ ބިޑް ސެކިޔުރިޓީގެ މުއްދަތު 2023 ވަނަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޞައްހަ ވާނެއެވެ.
ގޯތި ގަތުމަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
- 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން
- މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނުވުން
- މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކެއްގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާނަމަ 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށްނުވުން. މައިންބަފައިންގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ވާރުތަވާންހުރި ބިންތަކެއް ނުހިމެނޭނެ
- އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސުލުން ބިމެއް ގަނެފައިވާ ފަރާތަކަށްނުވުން. އެޗްޑީސީ މެދުވެރިކޮށް ބީލަމުގެ އުސޫލުން ބިމެއް ގަނެ އެހެން ފަރާތެއްގެ މައްޗަށް ބިން ބަދަލުކޮށްފައިވީނަމަވެސް އެޗްޑީސީގެ ބީލަމުގެ މަރުހަލާއިން ބިން ގަނެފައިވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިނުވެވޭނެ
ބީލަން ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު 21 އޮގަސްޓުން 1 ސެޕްޓެމްބަރަށް ކޮންމެ ރަސްމީ ދުވަހެއްގައި ހެނދުނު 9ން މެންދުރު 1 އާ ދޭތެރޭ އެޗްޑީސީގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.
ބީލަން ފޯމު ހުށަހެޅުން އޮންނާނީ ބީޗް ފްރަންޓްގެ ބިންތަކަށް 11 ސެޕްޓެމްބަރ ވާ އާދިއްތަ ދުވަހުގެ ހެނދުނު 9ން މެންދުރު 12އަށެވެ. ބީޗް ސައިޑުގެ 12 ސެޕްޓެމްބަރ ވާ ހޯމަ ދުވަހުގެ ހެނދުނު 9ން މެންދުރު 12 އަށެވެ.
ބީލަން ހުޅުވުން އޮންނާނީ ބީޗް ފްރަންޓުގެ ބީލަންތައް ސެޕްޓެމްބަރ 11 ވާ އާދިއްތަ ދުވަހު 1 ޖަހާއިރުއެވެ. ބީޗް ސައިޑުގެ ބީލަންތައް ހުޅުވުން އޮންނާނީ 12 ސެޕްޓްމެބަރ ވާ ހޯމަ ދުވަހު 1 ޖަހާއިރުއެވެ.
ބީޗް ފްރަންޓުގެ ބިން އިޚުތިޔާރުކުރުން އޮންނާނީ 19 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ 9:30ގައެވެ. ބީޗް ސައިޑުގެ ބިން އިޚުތިޔާރުކުރުން އޮންނާނީ 20 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 9:30ގައެވެ.
ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދެވޭނީ ބީލަން ކާމިޔާބުކުރިކަމުގެ ލިޔުން ފޮނުވާ ތާރީޚުން ފެށިގެން 60 ދުވަސްކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ މިއަހަރުގެ ކުރީކޮޅު ހުޅުމާލެ ދެ ވަނަ ފިޔަވަހިން 60 ގޯތި ވިއްކާފައެވެ.