ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 18:43
ސްކޫލް ދަރިވަރުންގެ އެސެމްބްލީ އެއް
ސްކޫލް ދަރިވަރުންގެ އެސެމްބްލީ އެއް
ސިމާހާ ނަސީމް
ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް
އެހެން ދަރިވަރުންނާ އަޅާކިޔުން، ނޭނގި އުމުރަށް ދެވޭ އަނިޔާއެއް!
 
އޯ ލެވެލް ނަތީޖާ ރަނގަޅު ނުވުމަކީ ދަރިވަރުންގެ މުސްތަގްބަލް އެއްކޮށް ގޯސްވާ ކަމެއް ނޫން

މި ދުވަސްކޮޅަކީ ސްކޫލްތަކާއި، މުދައްރިސުންގެ އިތުރުން ދަރިވަރުން އަދި ބެލެނިވެރިންނަށް ވަރަށް ޚާއްސަ ދުވަސްކޮޅެކެވެ. މިއީ އެ ދަރިވަރުން އެތައް ދުވަހެއް ވަންދެން ރޭގަނޑުގެ ހިމޭން ނިދި ނަގާލުމަށް ފަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބޭ ދުވަސްކޮޅެވެ. މިއީ މުދައްރިސުން އެތައް އަހަރެއް ވަންދެން ދުރާލާ ރާވައިގެން ފަތުރާލި ލެސަން ޕްލޭން ތަކުގެ ކާމިޔާބު މިނެކިރާލަން ފުރުސަތު ލިބޭ ދުވަސް ވަރެވެ. މިއީ ސްކޫލްތަކުން އެކްސްޓްރާ ކުލާހާއި އެހެންވެސް ނަންނަމުގައި ހިންގި އިތުރު ކުލާސްތަކާއި، ގަޑި ދެ ގަޑި އިރު ވަންދެން ހިންގި ޓިއުޝަންގެ ކުލާސްތަކުގެ ނަތީޖާ ހާމަވާ ދުވަސްކޮޅެވެ. މިއީ ބެލެނިވެރިން އެތައް ގުރުބާނީއެއް ވެގެން ދަރިވަރުންނަށް އުނގަންނައި ދިނުމަށް ކުރި އަގުހުރި މަސައްކަތުގެ ރިޕޯޓް ލިބޭ ދުވަސްވަރެވެ. މިއީ އޯލެވެލް ނަތީޖާ ލިބޭ ދުވަސްވަރެވެ.

ޝައްކެއް ވެސް ނެތްގޮތުގައި ކޮންމެ ދަރިވަރަކުވެސް ބޭނުންވާނީ އެންމެ ކުލަ ގަދަ ނަތީޖާއެވެ. އެ ކުއްޖެއްގެ ނަފްސާނީ އަދި އުނގެނުމުގެ ގާބިލްކަން ތަންދިން މިންވަރަކުން އެ ކުއްޖަކަށް ނެރެދެވޭނެ އެންމެ ފޮނި ނަތީޖާ ނެރެދިނުމަށް ކޮންމެ ދަރިވަރަކު ވެސް ބޭނުންވާނެއެވެ. ކޮންމެ ބެލެނިވެރިއަކު، މަންމަ އަކު އަދި ބައްޕައަކު އުންމީދު ކުރާނީ އެ މީހެއްގެ ދަރިފުޅަކީ އެއްވަނަ ސަނަދު ހާސިލްކުރާނެ ދަރިވަރަކަށްވުމަށެވެ. ކޮންމެ މުދައްރިސަކު ވެސް އެދޭނީ އެ މުދައްރިސެއް ކިޔަވާދޭ ދަރިވަރުންނަކީ ރަން ވަނަތައް ހޯދާނެ ފަޚުރުވެރި ދަރިންތަކަކަށް ވުމަށެވެ.

އެހެންނަމަވެސް މި ދަނޑިވަޅުގައި ވިސްނާލުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ކޮންމެ ދަރިވަރަކީ ވެސް ތަފާތު ދަރިވަރެކެވެ. އެ ދަރިވަރަކަށް ލިބިފައި ހުނަރާއި ތޫނުފިލިކަން ވެސް ތަފާތުވާނެއެވެ. އެ ދަރިވަރަކު އުނގެނުމަށް ހޭދަކުރާ ވަގުތާއި އުނގެނުމުގެ ވައްޓަފާޅިވެސް ތަފާތުވާނެއެވެ. މުހިންމު ކަމަކީ އެ ދަރިވަރުން ރަނގަޅު ނަތީޖާ އެއް ހާސިލްކުރަން މަސައްކަތްކުރުމެވެ. މިއަދު ލިބޭ ނަތީޖާ އަކީ ދަރިވަރެއްގެ މުސްތަގުބަލުގެ ރަނގަޅާއި ނުރަނގަޅު ކަނޑައަޅަން ލާ ފާހަގައަކަށް ނުހަދަމާތޯއެވެ. ހުރިހާ މާއްދާއަކުން އެންމެ މޮޅު ނަތީޖާ ނުލިބުމަކީ، ނުވަތަ ނަތީޖާ ދަށްވުމަކީ އެ ދަރިވަރަކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިނދަޖައްސާލެވޭ ކަމަކަށް ނަހަދަމާތޯއެވެ؟

އޯލެވެލް ނަތީޖާ ރަނގަޅުވުމަކީ މުހިންމުކަމެކެވެ. އެ ދުވަހަށްޓަކާ ދަރިވަރުން ކުރާ ބުރަ މަސައްކަތް ނަފީއެއް ނުކުރެވޭނެ އެވެ. ރަނގަޅު ކޯހަކުން ޖާގަ ހޯދަން ނޫނީ ސްކޯލަރޝިޕަކަށް ބެލިޔަސް އެއީ ވަަރަށް މުހިންމުކަމެކެވެ. އެހެންނަމަވެސް އެއީ ދަރިވަރުގެ މުޅި މުސްތަގުބަލް އެކަމަމެއްގެ ސަބަބުން ބަނަވާ ކަމެއް ނޫނެވެ. އޯލެވެލް ނަތީޖާ ގޯސްވިޔަސް ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރެވިދާނެއެވެ. އަދި ހުނަރުވެރި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްވެސް ކުރެވިދާނެއެވެ.

ވަރަށް ގިނަ ފަހަރު ނަތީޖާ ލިބުމާއި އެކު އަހަރުމެންގެ އާދަ ހުންނަ ގޮތަކީ ދަންނަ މީހުންނަށް ގުޅާފައި އެގޭގައި ތިބޭ ކުދިންނަށް ލިބުނު ނަތީޖާ އަކީ ކޮބާތޯ ސުވާލުކުރުމެވެ. އެހެން ދަރިވަރުންނަށް ލިބޭ ނަތީޖާ އާއި ދަށް ނަތީޖާ ލިބުނު ދަރިވަރާއި އަޅާ ކިޔާއިރު އެ ބުނެވޭ ބަސްތަކަކީ އެ ބަސް ބުނާ މީހާ ބުރަ ހިތެއް އޮވެގެން ބުނާ ވާހަކައަކަށް ނުވެދާއެވެ. ގިނަފަހަރަށް މުދައްރިސުންނާއި މައިންބަފައިން އެ ވާހަކަތައް ދައްކަނީ ހެޔޮ ނިޔަތުގައެވެ.

ނަމަވެސް ހިތާމައަކީ އޯލެވެލްގެ ނަތީޖާ ލިބޭ ދުވަހަކީ ބައެއް ދަރިވަރުންގެ މުސްތަގުބަލުގެ ކުރި މަރާލެވޭ ދުވަހަކަށް ވާކަމެވެ. ރަނގަޅު ނަތީޖާ އެއް ނުލިބުމުން ހިތްވަރު ދިނުމުގެ ބަދަލުގައި، އެ ދުވަހު މައިންބަފައިންނާއި އާއިލާ އަދި މުދައްރިސުން ބުނާ ބަސްބަހުން ހިތުގައި ޖެހެނީ މަދެއްކޮންނެއް ނޫނެވެ. އެއީ މުޅި އުމުރު ދުވަހު ވެސް މީހާ ނާކާމިޔާބުކޮށްލާ ކަމެއްކަމަށް ދެކޭ މިހުން ވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އޯލެވެލް ނަތީޖާ ދަށް ވުމަކީ އެ ދަރިވަރަކީ ނާކާމިޔާބު މީހެއް ކަމަށް ނިންމަން ލިބޭ ފުރުސަތެއް ނޫންކަން ހަނދާން ކުރުން ވަރަށް ވެސް މުހިންމެވެ.

އެހެން ކުދިންނާއި އަޅާ ކިއުމުގެ ބަދަލުގައި ބަލަންވީ އެ ދަރިވަރަށް ހިއްވަރު ދެވޭތޯއެވެ. ވިސްނަންވީ ކަމަކީ މިފަދަ ވަގުތެއްގައި އެ ދަރިވަރަށް ބޭނުންވަނީ މަދަދުވެރިކަން ކަމެވެ. އަދި އެއީ އޭނާ އަށް މުސްތަގުބަލް ރަނގަޅުކުރަން އިރުޝާދު ދޭންވީ ދުވަސްކަމެވެ. އަދި އެހެން ދަރިވަރުންނާއި އަޅާ ކިޔުމުގައި ބަސްމަގު ގެންގުޅޭ ގޮތުން ކުއްޖާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި މުޅި އުމުރު ދުވަހު އެކަމުން ކުރިމަތިލާން ޖެހޭ ތަކުލީފު މާ ބޮޑުވާނެ ކަން ހަނދާން ކުރުން މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް
22 އޯގަސްޓް 2022 | ހޯމަ 12:53
ސހ
Comparing students creates unhealthy competition and damages their vulnerable self esteem