ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 18:53
އޮންލައިން ޕޭޖްތަކުގައި ވިއްކަން ޖަހާފައި ހުރި ސްކޫލް ދަބަސްތަކެއް
އޮންލައިން ޕޭޖްތަކުގައި ވިއްކަން ޖަހާފައި ހުރި ސްކޫލް ދަބަސްތަކެއް
ރާއްޖެއެމްވީ
އަގުބޮޑުކޮށް ތަކެތި ވިއްކުން
4 ޕީސް ހާހުން ދެހާހުން
 
އޮންލައިންކޮށް ބޭރުން ގެނެވޭ ތަކެތި 10 ގުނަ ބޮޑުކޮށް ވިއްކަން ޖަހާފައި އެބަހުރި

ސްކޫލްތައް ބަންދުވެ އައު އަހަރަކަށް ހުޅުވެން ކައިރިވެއްޖެއެވެ. އައު އަހަރާއެކީގައި މައިންބަފައިންނާއި ބެލެނިވެރިން އަވަދިނެތި ދެން އުޅޭނީ އަހަރުގެ ފުރަތަމަ ދުވަހު ދަރިފުޅު ސްކޫލަށް ފޮނުވަން ބޭނުންވާ ސާމާނު ހޯދައި ތައްޔާރުކުރުމުގައެވެ. އައު ޔުނީފޯމް ހޯދައި، އައު ބޫޓާއި އައު ދަބަސް ހޯދުމުގައެވެ. ދެންވެސް ދަރިވަރުގެ ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައިދިނުމުގައެވެ.

ގިނަ ފަހަރު ސްކޫލަށް ބޭނުންވާ ސާމާނު ކޮންމެވެސް ފިހާރައަކުން ލިބެއެވެ. ދަބަސްފަދަ ތަކެތި އޮންލައިންކޮށް ގަނެގެންވެސް ގެނެވެއެވެ. ބޭނުން ކުލައެއްގެ ބޭނުން އެއްޗެއް މިހާރު ފަސޭހައިން ގެނެވެއެވެ. މީގެ ކުރިން މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައި، 100 އެއްހާ ފިހާރައަށް ވަންނައިރުވެސް ދަރިފުޅަށް ކަމުދާ ދަބަހަކާއި، އެއާއި ގުޅުވާލެވޭ ލަންޗް ބޮކްސްއަކާއި، ފަންސުރުފަދަ ތަކެތި ލާނެ ޕަރހެއް ބޭނުންވެއެވެ.

ޒަމާން ބަދަލުވެ، މިހާރު ފޯނު މެދުވެރިކޮށްވެސް ދަރިފުޅު ބޭނުންވާ ކަހަލަ ދަބަހެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި ގެއާހަމައަށް ގެނެވެއެވެ. ރައްޖޭގެ ކޮންމެވެސް އޮންލައިން ޕޭޖަކުންނެވެ. ނުވަތަ އަލީ އެކްސްޕްރެސް، އީބޭ، ޝެއިން ފަދަ ތަނަކުންނެވެ. އަގު ހެޔޮކޮށް ލިބެންވެސް އެބަހުއްޓެވެ. ތަކެތީގެ އަގުބޮޑުވެ އިގުތިސާދީ މިފަދަ ދަތި ދަނޑިވަޅެއްގައި ދަރިފުޅަށް ހޯދައިދޭ ދަބަހަކީ ރަނގަޅު، ރީތި، އަދި ދަރިފުޅަށްވެސް ކަމުދާނެ ދަބަހަކަށް ވާންޖެހެއެވެ.

އޮންލައިން މާރކެޓްތަކުން ރަނގަޅު އަގެއްގައި ދަބަހާއި އެއާގުޅޭ ތަކެތި ލިބެންހުރެއެވެ. މާ އަގުބޮޑެއްވެސްނޫނެވެ. 200 ރުފިޔާއާ 500 ރުފިޔާއާ ދެމެދު ލިބެންވެސް އެބަހުއްޓެވެ. އަލީ އެކްސްޕްރެސްއާއި އީބޭއިން ގެންނަނަމަ އެކަނިމާއެކަނިވެސް އެކަން ކުރެވިދާނެއެވެ. ޝެއިނުން ގެންނަ ނަމަ ގްރޫޕެއް ހަދާލައިގެން 200 ޑޮލަރު ހަމަވާވަރަށް ތަކެތި ގެނެވިދާނެއެވެ. އެއިރުން 10 ވަރަކަށް ދުވަހުގެ ތެރޭގައި ލިބޭނެއެވެ.

ނަމަވެސް މިފަހަރު ދަރިފުޅު ސާނަވީ ތައުލީމު ފަށާތީ ދަބަހެއް ހޯދަން ޖެހިއްޖެއެވެ. ފިހާރަތައް ބަލާފައި އެންމެ ހިތްހަމަޖެހޭ އެއްޗެއް ނުފެންނާތީ ދެން އޮންލައިން ޕޭޖްތައްވެސް ބަލައިލީމެވެ. އެއީ އަވަހަށް ދަބަސް ލިބެން އޮތީ އެގޮތަށް ކަމަށްވާތީއެވެ. އެކި އަގުތަކުގައި ހުއްޓެވެ. ދަރިފުޅަށް ކަމުދާ ދަބަހެއް ހޯދަން އެތައް ޕޭޖެއް ހާވާލީމެވެ.

ގޫގުލްއާއި ފޭސްބުކަކީވެސް ފާޑެއްގެ އެއްޗެކެވެ. ފޭސްބުކްގައި ޕޭޖެއްގައި އޮންނަ އެއްޗަކަށް ލައިކެއް ޖަހާލިޔަސް ދެން ފެންނާނީ ހުސް އެކަހަލަ އެއްޗެވެ. އެއްދުވަސް ފަހުން ދެން މުޅި ފީޑުގައި އޮތީ ހުސް ދަބަހެވެ. އަގުތައް ފެނިފައި ފައިދަށުން ބިންގަނޑު ދަމައިގަތްހެން ހީވިއެވެ. އެއްކަލަ 400އާ 500ށް ވިއްކަން ޖަހާފައި ހުރި ދަބަސްތައް އެހެން ބައެއް ޕޭޖްތަކުގައި 3000 ރުފިޔާއަށްވެސް ވިއްކަން ޖަހާފައި އެބަހުއްޓެވެ.

ކުއްލިއަކަށް ހަނދާންވީ ކޮވިޑްގެ ދުވަސްވަރުގެ މަތިންނެވެ. ކޮވިޑާއެކު ރައްކާތެރިވުމަށް މާސްކް އަޅަން ބުނުމުން ބޭރުން މާސްކް ގެނެސްގެން ހިތުހުރި އަގެއްގައި ވިއްކަމުން ދިޔަ ހަނދާނެވެ. 2 ރުފިޔާއަށް ވިއްކަމުން ދިޔަ މާސްކް 10 ރުފިޔާއަށް ވިއްކަން ފެށި ހަނދާނެވެ. މާސްކް ފޮއްޓެއް 200 ރުފިޔާއިން 400 ރުފިޔާއާ ދެމެދު ވިއްކަމުން ދިޔަ ހަނދާނެވެ. މާކެޓުގައި ނެތިގެން ނޫނެވެ. ޑިމާންޑް އޮތީމައި ވިކޭނެކަން އެނގޭތީ، ނާޒުކު ވަގުތުގެ ނާޖާއިޒް ފައިދާތަކެއް ނެގީއެވެ.

މިފަހަރުވެސް މިވީ އެހެންނެވެ. އަލީ އެކްސްޕްރެސްއާއި، އީބޭ އަދި ޝެއިންގައި 300 ވަރަކަށް ރުފިޔާއަށް ލިބެން ހުރި ދަބަސް އެތައް ގުނައެއް އަގު މަތިކޮށްލާފައި 3000 ރުފިޔާއަށްވެސް ވިއްކަން ޖަހާފައި އެބަހުއްޓެވެ. އެއްފަހަރުން މުއްސަނދިވާން ހިފާލާފައި ހުރިކަހަލައެވެ. އެއް ޕޭޖްގައި 400 ރުފިޔާއަށް ހުރި ދަބަހެއް އަނެއް ޕޭޖްގައި ހާހުން މަތީގެ އަގުގައި ވިއްކަން ޖަހާފައެވެ.

ރަނގަޅެވެ. އެމީހެއްގެ މުދާ ވިއްކާނެ އަގު އެނގޭނީ އެމީހަކަށެވެ. އެކަމަކު 91،000 ވަރަކަށް ދަރިވަރުން ކިޔަވަން ކޮންމެ ބެލެނިވެރިއަކުވެސް ދަބަހެއް ގަންނާނެއެވެ. ގަނެވޭނެ ލަޔާގަތު ހުރި ކޮންމެ ބެލެނިވެރިއަކު އެކަން ކުރާނެއެވެ. ކުޑަ ފައިދާއެއްގައިވެސް މި އެއްޗެހި ވިއްކިދާނެއެވެ. އަދި ވިޔަފާރީގައި ޑިމާންޑް ބޮޑުވަނީ އަގުބޮޑުކޮށް ވިއްކައިގެންނެއްވެސް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް