ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 08:46
 މަތެއަސް ނޫނޭޒް
މަތެއަސް ނޫނޭޒް
ޓްވިޓަރ
ޓްރާންސްފާ މާކެޓު
ދާއިމީ އެއްބަސްވުމެއްގެ ދަށުން މަތެއަސް ނޫނޭޒް ވުލްވްސްއަށް
 
ނޫނޭޒް ހޯދުމަށް ވުލްވްސް އިން ވަނީ 50 މިލިއަން ޔޫރޯ ޚަރަދުކޮށްފައި
 
މިއީ އެ ކުލަބުން ކުޅުންތެރިޔަކު ހޯދުމަށް މިހާ ބޮޑު ފީއެއް ދެއްކި ފުރަތަމަ ފަހަރު

ސްޕޯޓިން އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު މަތެއަސް ނޫނޭޒް ޕްރިމިއަރ ލީގުގެ ވުލްވްސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ނޫނޭޒް ވުލްވްސް އަށް ބަދަލުވީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވުލްވްސް އަށް ބަދަލުވީއިރު، އެ ޓީމާއެކު ހެދި އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުއެވެ. ނޫނޭޒް ހޯދުމަށް ވުލްވްސް އިން ވަނީ 50 މިލިއަން ޔޫރޯ ޚަރަދުކޮށްފައެެވެ. މިއީ އެ ކުލަބުން ކުޅުންތެރިޔަކު ހޯދުމަށް މިހާ ބޮޑު ފީއެއް ދެއްކި ފުރަތަމަ ފަހަރެވެ.

ވުލްވްސް އަށް ބަދަލުވުމަށްފަހު ނޫނޭޒް ބުނީ އޭނާ ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ ވުލްވްސްގެ ކޯޗު ބްރޫނޯ ލޭޖް އޭނާ ގެންނަން ބޭނުންވި ކަމަށާއި، ޕްރިމިއަރ ލީގުގައި ކުޅުމަކީ އޭނާ ވަރަށް ބޭނުންވިކަމެއް ކަމަށެވެ. މީގެ އިތުރުން ނޫނޭޒް ބުނީ އޭނާ ދެކޭ ގޮތުގައި އެއީ އޭނާއަށް އެންމެ އެކަށީގެންވާ ނިންމުމެވެ.

އެރިސެއިރެންސް އިން 2016 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ނޫނޭޒް އެ ޓީމަށް ދެ އަހަރު ކުޅެދިނުމަށްފަހު، 2018 ވަނަ އަހަރު ބަދަލުވީ އެސްޓޮރިލްއަށެވެ. އެ ޓީމުގައި އޭނަ ހޭދަކުރީ އެންމެ އަހަރެކެވެ. އެއަށްފަހު ސްޕޯޓިންއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ސްޕޯޓިންގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 101 މެޗު ކުޅެދީ އަށް ލަނޑު ޖަހާފައެވެ. ސްޕޯޓިންއާއެކު ނޫނޭޒް ވަނީ ތިން ތަށި ހޯދާފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން ނޫނޭޒް އަންނަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް