ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 20:53
ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
ފޭސްބުކް
6 ރަށެއްގައި އެއަރޕޯޓު އެޅުން
6 ރަށެއްގައި އެއަރޕޯޓު އަޅަން ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި
6 ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކުރި މިއީ ތިންވަނަ ފަހަރު
6 އެއަރޕޯޓަށް 12 ފަރާތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައި
އެއަރޕޯޓުގެ މަސައްކަތް އަލުން އިއުލާންކުރިނަމަވެސް، މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅާކަށްނުޖެހޭނެ

ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މިއީ މި މަޝްރޫއުތަކުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިންގ މިނިސްޓްރީން އިއުލާންކުރި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ އިއުލާން ބާތިލުކޮށް، ދެވަނަ ފަހަރަށް އިއުލާން ކުރީއެވެ. ދެވަނަ ފަހަރަށް އިއުލާން ކުރީ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އަގު ކުޑަ ކުރުމަށްފަހުއެވެ.

ތިންވަނަ ފަހަރަށް އިއުލާންކޮށްފައިވަނީ "ކްރޮސް ސަބްސިޑީގެ" ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އެ ގަވާއިދަށް ގެނައި ބަދަލާއެކު މިހާރު ސަރުކާރުން ބޭނުންވާ މަޝްރުއުތައް ހިންގާ ފަރާތްތަކުގެ އިތުރުން އެ ޕްރޮޖެކްޓުތަކަށް ފަންޑު ކުރާ ފަރާތްތަކަށް ވެސް ފަތުރުވެރިކަމަށް ރަށެއް ނުވަތަ ފަޅެއް ލިބޭނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއާޕޯޓު ހެދުމަށް ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެ ކަމަށާއި އެ މީހުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. މި އެއަރޕޯޓުތަކުގެ މަސައްކަތް ކުރުމަށް 12 ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސަރުކާރުން އަލަށް އެއަރޕޯޓް އެޅުމަށް އިއުލާން ކޮށްފައިވަނީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި އާއި ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ފ. މަގޫދޫއާއި ރ. އަތިޮޅު ދެކުނު ބިތުގެ ރަށެއްގައެވެ. މި ރަށްތަކުގައި އެއަރޕޯޓް އަޅަން ދާނެ ޚަރަދުވެސް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށް އާއްމުކޮށްފައެވެ. އެގޮތުން މަކުނުދޫގެ އެއަރޕޯޓަށް 23.3 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ބިލެއްފަހި އެއަރޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއަރޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއަރޕޯޓަށް 33.3 މިލިއަން ޑޮލަރު، މަގޫދޫ އެއަރޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅުގައި ތަރައްގީ ކުރާ އެއަރޕޯޓަށް 23.6 މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެެވެ.

މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއަކަށް ވާތީ، އެ ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ހަދާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއްކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާއިރު ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް