ކަރާގެ އަގު އިތުރަށް އުފުލި، ކަނޑުމަހުގެ އަގުވެސް ބޮޑުވެއްޖެ އެވެ.
ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ކަރާގެ އަގު އުޅެނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު އެހާ ބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވަނީ، ތޮއްޑޫ އިން ކަރާ ނުލިބޭތީ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ކަރާ ލިބެނީ މިހާރު ތ.ކަނޑޫދޫ އިންނެވެ. ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ކަރާ ކިލޯގެ އަގު 18ރ އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގައި އުޅުނު ނަމަވެސް ރަމަޟާން މަހުގެ މެދުތެރޭގައި ކަރާ ކިލޯގެ އަގު 12ރ. އާއި 15ރ. އަށްވެސް ވެއްޓިގެން ދިޔަ އެވެ.
ކޮޕީ ފަތުގެ ތިން ފަތް 20ރ. އަށް ލިބެން ހުރި އިރު ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ، 150ރ. އާއި 100ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކުއްޅަފިލާ ފަތް ބޮޑި އެއް އުޅެނީ، 15ރ. އަށެވެ. ލޯކަލް މާރުކޭޓުގައި ފަތުގެ ބާވަތްތައް ލިބެން ހުރި ވަރު މަދު އިރު، އަގަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.
ފަތުގެ ބާވަތްތަކުގެ އަގުތަކަށް މާބޮޑު ބަދަލުތަކެއް ނައި ނަމަވެސް، ކަރާގެ އަގު އިތުރަށް އުފުލޭނެ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.
މިރުހުގެ އަގު މާރުކޭޓުގައި ހުރީ 100 ގްރާމް 30ރ. އަށެވެ.
ލޯކަލް މާރުކޭޓުގައި އާއްމުގޮތެއްގައި މޭވާ އާއި ތަރުކާރީ ލިބެން ހުރި ނަމަވެސް ދިވެހި ބައެއް އުފެއްދުންތަންވެސް ލިބެން އެބަ ހުއްޓެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ރިހާކުރުވެސް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ. އެގޮތުން ރިހާކުރު ފުޅިއެއް ލިބެން ހުރީ، 250ރ. އާއި 300ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
މަސްމާރުކޭޓުގައި މަހުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު، ކަނޑު މަސް ކިލޯއެއްގެ އަގު އުޅެނީ 40ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
މަހުގެ އަގު މިދިޔަ ހަފްތާގައި އުޅުނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
މަހުގެ އަގު އުފުލެނީ މަސް ލިބުން މަދު ވުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.