ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 10:44
އާޖެންޓީނާ އަދި ބްރެޒިލް ކުޅުނު މެޗެއްގެ ތެރެއިން
އާޖެންޓީނާ އަދި ބްރެޒިލް ކުޅުނު މެޗެއްގެ ތެރެއިން
ޓްވިޓަރ
ވޯލްޑް ކަޕް ކޮލިފައިން
ބްރެޒިލް އަދި އާޖެންޓީނާއިން އެދުނު ގޮތަށް މެޗު އަލުން ނުކުޅެން ނިންމައިފި
 
ނުކުޅެން ނިންމީ، މެޗު ކުޅުނު ކަމުގައި ވީ ނަމަވެސް، ކޮލިފައިންގެ ނަތީޖާއަށް ބަދަލު ނާންނާނެތީ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަދި އާޖެންޓީނާގެ މެޗު އަލުން ނުކުޅުމަށް ދުނިޔޭގެ ފުޓުބޯޅައިގެން މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.

މިމެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލް އަދި އާޖެންޓީނާ ބައްދަލުކުރި މެޗެެވެ. ބްރެޒިލްގައި ކުޅުނު އެ މެޗު ފެށިތާ ގިނައިރުތަކެއް ނުވެ، ބްރެޒިލްގެ ޞިއްހީ އޮފިޝަލުންނާއި އެ ޤައުމުގެ ފުލުހުން ވަނީ މެޗު ހުއްޓުވާލާފައެވެ. އެއީ އާޖެންޓީނާގެ ކުޅުންތެރިޔަކު ބްރެޒިލްގެ ކަރަންޓީނު އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ބްރެޒިލްގެ ޞިއްހީ އޮފިޝަލުންނާއި ފުލުހުން މެޗު ހުއްޓުވާލުމާ ގުޅިގެން ފީފާ އިން ވަނީ އެ މެޗުން އެހެން ތާރީޚެއްގައި ކުޅޭށެވެ. އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހު ކުޅޭ ގޮތަށް ތާވަލްކޮށްފައި އޮއްވާ، އާޖެންޓީނާ އާއި ބްރެޒިލުން ވަނީ އެ މެޗު ނުކުޅެން ފީފާގައި އެދިފައެވެ. ނަމަވެސް ފީފާ އިން ނިންމީ މެޗު ކުޅޭ ގޮތަށެވެ. އެއަށްފަހު ދެން މެޗު ތާވަލް ކުރީ އަންނަ ސެޕްޓެމްބަރު މަހުގެ 22 އަށެވެ.

ފީފާ އިން އެގޮތަށް ނިންމުމާއެކު އާޖެންޓީނާ އާއި ބްރެޒިލުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އަށް އެ މައްސަލަ ހުށަހަޅާފައެވެ. ކާސް އިން އެ މައްސަލަ ބަލަން ފެށުމަށްފަހު ވަނީ ފީފާ، އާޖެންޓީނާ އަދި ބްރެޒިލާއެކު މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކަށްފަހު ނިމުނީ އެ މެޗު އަލުން ނުކުޅުމަށެވެ. ސަބަބަކީ އެ މެޗުން ކުޅުނު ކަމުގައި ވީ ނަމަވެސް، ކޮލިފައިންގެ ނަތީޖާއަށް ބަދަލު ނާންނާނެތީއެވެ. އެއީ މި ދެ ޤައުމު ވެސް ވަނީ ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް