Advertisement
ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 12:29
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ)
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ)
ރާއްޖެއެމްވީ
ޓިކްޓޮކް ތަރި ހުނޭސާގެ މައްސަލަ
ކުށުގެ ވެއްޓާއި ހުނޭސާއާ ގުޅުމެއް އޮތްކަމަށް ބެލެވިދާނެ ކަންކަން ހުރި: ހައިކޯޓު
އެމީހުން ހައްޔަރުކުރި ތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުރި
މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކުށެއް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށްތަކަކީ، ކުށުގެ ޒާތަށާއި، ބާވަތުން، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައެވެ. މި މައްސަލައިގައި ހުނޭސާގެ އިތުރު 2 މީހަކަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެއީ ހުނައިން ބިން އަލީ، މއ. އުދުހޭކޮކާ އާއި، މުހައްމަދު އާދަމް، ޕެލަސްހައުސް/ ގއ. ދާންދޫއެވެ.

އެ 3 މީހުންވެސް ހައްޔަރު ކޮށްފައިވަނީ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ހުނޭސާ ބަންދުން ދޫކޮށްލަމުން ގާޒީ ވަނީ 3 ޝަރުތެއް ކުރައްވާފައެވެ. އެއީ މާލެއިން ބޭރަށް ދާނަމަ އެންގުމާއި، އިތުރު ކުށަކަށް އަރައިނުގަތުމާއި، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީއެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ އަމުރު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް 2 ނުކުތާއަކާއެކު ހައިކޯޓަށް ހުށައެޅިއެވެ.

ފުރަތަމަ ނުކުތާއަކީ މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކުށެއްކަމުން، އެފަރާތްތައް ތިބެންޖެހޭނީ މުޖްތަމަޢުގެ ސަލާމަތާއި ނުރައްކާ ނުފޯރާ ފަދަ ތަނެއްގައި ކަމަށާއި، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް އެކަށީގެންވާ ހެކި ޤަރީނާ ލިބިފައިވާކަމަށެވެ.

Advertisement

ދެވަނަ ނުކުތާއަކީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށްތަކަކީ، ކުށުގެ ޒާތަށާއި، ބާވަތުން، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުން ނިންމާފައިވާއިރު، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށް ހުށައެޅި ނުކުތާއެވެ.

ހައިކޯޓުން މި މައްސަލަ ނިންމިއިރު ބުނެފައިވަނީ، މިމައްސަލައިގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު، ހުނޭސާ އާދަމް ނަސީރުގެ މައްޗަށް ކުރެވޭ ތުހުމަތު އެގޮތުގައި އޮއްވައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް ހުރި އިރު، އެފަދަ ސަބަބެއް ނެތް ކަމަށް ފަނޑިޔާރަށް ބުރަވެވުނު ސަބަބު އެއްވެސް މިންވަރަކަށް ބަޔާންކުރުމެއް ނެތި، ހުނޭސާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމުގައި ނުދެކޭ ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އަދި ފަނޑިޔާރު ހުޒައިފާ މުޙައްމަދެވެ.

ހުނައިސާއާއި ހުނައިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން، މުޙައްމަދު އާދަމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މައްސަތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާއެއްޗެހީގެ ޒިންމާވެސް ނަގާފައެވެ.

އެމީހުން ހައްޔަރުކުރި ތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް