އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ޓޮޓެންހަމްގެ ހެރީ ކޭން، ސާޖިއޯ އަގުއޭރޯއާ އަރާ ހަމަކޮށްފިއެވެ.
ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑުގެ ލެޖެންޑު އަލަން ޝިއެރާއެވެ. އެއީ 441 މެޗުގައި އޭނާ ޖެހި 260 ގޯލާއެކުއެވެ. ދެ ވަނައިގައި އޮތީ 491 މެޗުން 208 ލަނޑު ޖަހާފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑު ވޭން ރޫނީއެވެ. އަދި ތިން ވަނައިގައި އޮތީ އެންޑްރޫ ކޯލްއެވެ. އޭނާ ވަނީ 414 މެޗުގައި 187 ލަނޑު ޖަހާފައެވެ.
މި ލިސްޓުގައި އަގުއޭރޯ އާއި ކޭން އޮތީ ހަތަރު ވަނައިގައެވެ. އަގުއޭރޯ ވަނީ 275 މެޗުގައި 184 ލަނޑު ޖަހާފައެވެ. ކޭން ވަނީ 284 މެޗުގައި 184 ލަނޑު ޖަހާފައެވެ. ކޭންގެ 184 ވަނަ ލަނޑަކީ ޕްރިމިއަރ ލީގުގައި ޓޮޓެންހަމުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ލަނޑެވެ. ކޭން އަކީ މިހާރު ޕްރިމިއަރ ލީގުގައި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.
އަގުއޭރޯ ފަހަތަށް ޖައްސާލަން ކޭން ދެން ޖަހަން ޖެހެނީ އެންމެ ލަނޑެކެވެ. މި ލިސްޓުގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވެސް ކޭން އަށް އެބަ އޮތެވެ. ތިން ލަނޑު ޖަހައިގެން ކޯލްއާ އެއްވަރުކުރެވޭއިރު، ހަތަރު ލަނޑު ޖަހައިގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު ކޭން އަށް އެބަ އޮތެވެ. ކޭން މިހާރު ހުރި ފޯމަށް ބަލާއިރު، ގަދަ ތިނަކަށް އަރައި، ރެކޯޑެއް ހެދުމަކީ ގާތް ކަމެކެވެ.