ގައުމުގެ މަސްލަހަތަށް ލޯބި ކުރާ މީހަކު ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ރަނގަޅު ކަމަށް ނުބުނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް މިފަދައިން ވިދާޅުވެފައި މި ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޔާމީން އެފަދައިން ވިދާޅުވުމުން އަނެއްކާވެސް ސިޔާސީ މީހުންގެ ތެރޭގައި ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ބަހުސްކުރަން ވަނީ ފަށާފައެވެ.
އެކަމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެކަކަށް ވަރަށް ގިނަ ބާރުތައް ލިބޭ ގޮތަށް އޮންނަ ނިޒާމަކަށް ވުމުން އެއީ ރާއްޖެ ފަދަ ޤައުމަކަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މީގެ އިތުރުން ހަމައެކަނި ވަކި ސިޔާސީ ބަޔަކަށް ބާރުވެރިކަން ލިބޭ ގޮތަށް އެކަކަށް އެތައް ވަޒީފާ އެއް ދިނުމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑަކީ މަޖިލީހުގަ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ އޮތް 5 މެމްބަރުންގެ ތެރޭގައި ހިމެނޭ މީހެއް އަޅުގަނޑަކީ. ވަޒީރުކަން ލިބެންޏާ ކީއްވެތޯ އަޅުގަނޑު ގަބޫލު ނުކުރަންވީ؟ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތުގައިތޯ ހުރިހާ އެއްޗެއް އޮންނަންވާނީ؟މެމްބަރު ޝަރީފް
ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދުކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތަފާތު އެކި ފަހަރު މަތިން އެ ނިޒާމުގެ ދިފާއުގައި ވަކާލާތުކުރައްވާފައެވެ.
ބަރުލަމާނީ ނިޒާމް އަކީ ބޮޑުވަޒީރު ނުވަތަ ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އެކުލަވާލާ ވެރިކަމުގެ ނިޒާމް އެކެވެ. ބަރުލަމާނީ ނިޒާމް އަށް ވެރިކަން ކުރާ ޤައުމުތަކުގައި ދައުލަތް ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައި ރައީސަކު ނުވަތަ ރަސްކަލަކު ހުރި ނަމަވެސް، މި މަގާމަކީ ހަމައެކަނި ރަމްޒީ މަގާމެކެވެ. ބަރުލަމާނީ ނިޒާމެއްގައި ހަގީގީ ވެރިކަން ހިންގުމުގެ ބާރު އޮންނާނީ ބޮޑުވަޒީރަށެވެ.