ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 09:20
ޓެން ހާގް އަދި ރޮނާލްޑޯ
ޓެން ހާގް އަދި ރޮނާލްޑޯ
ޓްވިޓަރ
އިނގިރޭސި ޕްރިމިއަރ ލީގު
ރޮނާލްޑޯގެ ވާހަކަ ދައްކާތީ ޓެން ހާގް ހިތްހަމަ ނުޖެހިއްޖެ
ޓެން ހާގް ބުނީ ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ވާހަކައަކީ ނޫސްވެރިންގެ އަމިއްލަ ހީއެއްގެ މައްޗަށް ދައްކާ ވާހަކައެއް ކަމަށް

މެންޗެސްޓަރ ޔުނައިޓެޑް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ ދައްކާތީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ހިތްހަމަ ނުޖެހިއްޖެއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ނަމަވެސް، ބަދަލުވާނެ ކުލަބެއް ހޯދުމުގައި ދަތިތަކާ ދިމާވެ، އެންމެ ފަހުން ރޮނާލްޑޯ ވަނީ ޓީމުގެ ފަރިތަކުރުންތަކާ ގުޅިފައެވެ. މި ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ނުހިމެނީ، 90 މިނެޓުގެ މެޗެއް ކުޅެވޭ ވަރަށް ރޮނާލްޑޯއަށް ޓީމާއެކު ފަރިތަކުރެވިފައިނުވާތީ ކަމަށް ޓެން ހާގް ވަނީ ބުނެފައެވެ.

ލީގުގައި ޔުނައިޓެޑްގެ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ޓެން ހާގް ވަނީ ރޮނާލްޑޯގެ ވާހަކަ ދައްކާފައެވެ. އެ ޕްރެސްގައި ޓެން ހާގް ބުނީ ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ވާހަކައަކީ ނޫސްވެރިންގެ އަމިއްލަ ހީއެއްގެ މައްޗަށް ދައްކާ ވާހަކައެއް ކަމަށެވެ. ޓެން ހާގް ބުނީ އޭނާ ގާތު ރޮނާލްޑޯ އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ކުޅުންތެރިންނާ އޭނާ ވާހަކަ ދައްކާ ކަމަށާއި، އެގޮތުން މި ސީޒަންގެ ޕްލޭންގައި ރޮނާލްޑޯ ހިމެނޭނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ ޓީމަށް ފިޓު ކުރަން ޖެހޭ ކަމަށެވެ. ލީގުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމަނާނެ ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.

ލީގުގައި ޔުނައިޓެޑް އިން ބްރެންޓްފޯޑާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 21:30 ގައެވެ.

- ކޮމެންޓް