ކ. މާލެ
|
13 އޯގަސްޓް 2022 | ހޮނިހިރު 08:41
ގަނޑުވަރު ފާސްކުރުމަށް ނެރުނު ކޯޓު އަމުރު
ގަނޑުވަރު ފާސްކުރުމަށް ނެރުނު ކޯޓު އަމުރު
ސްކައި ނިއުސް
ޓްރަމްގެ ފްލޮރިޑާ ގަނޑުވަރު ރެއިޑްކުރުން
ޓްރަމްޕްގެ ފްލޮރިޑާ ގަނޑުވަރުން ދިފާއީ ކަންކަމާ ގުޅުންހުރި "އެންމެ ސިއްރު" މައުލޫމާތު ހިމެނޭ ލިޔުންތައް
އަންގާވެސްލުމެއް ނެތި ގެއަށް ވަތް އެފްބީއައިގެ ގުރޫޕުން، ތިޖޫރީއެއްވެސް ފަޅާލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
ކޯޓު އަމުރުގައި ބުނެފައިވަނީ ތަހުގީގު ހިނގަމުންދަނީ އެމެރިކާގެ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ގުޅުންހުރި މައުލޫމާތު ގެންގުޅޭކަމުގެ ކުށުގައި ކަމަށް
20 ފޮށީގެ ތެރޭގައި 11 ސެޓްގެ ކްލެސިފައިޑް ލިޔުންތައް ހިމެނޭ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ފްލޮރިޑާ ގަނޑުވަރު ނުވަތަ "މާރް-އަ-ލާގޯ"ގައި ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން 20 ފޮށީގެ ސާމާނު ފެނިފައިވާކަމަށާއި އޭގެތެރޭގައި އެންމެ ސިއްރުކަމަށް ލޭބަލްކޮށްފައި ހުރި ލިޔެކިޔުންތައް ހުރިކަމަށް ކޯޓުގެ ރިކޯޑުތަކުން ހާމަވެއްޖެއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ތަޙުޤީޤީ އިދާރާ (އެފްބީއައި)އިން ކުއްލި ގޮތަކަށް، އަންގާވެސް ލުމެއް ނެތި ވަނީ "މާރް-އަ-ލާގޯ"ގައި އޮޕަރޭޝަން އެއް ހިންގާފައެވެ. އޮޕަރޭޝަން އާއި ބެހޭ ގޮތުން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ރަސްމީ ސިފައެއްގައި މާ ބޮޑު އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ކޯޓު އަމުރުގައި ހުރި ތަފުސީލުތައް ކަމަށް ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވަނީ ގަނޑުވަރުން ފެނުނު ބައެއް ލިޔުންތަކަކީ އެމެރިކާގެ ދިފާއުއާއި ގުޅުންހުރި މައުލޫމާތެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ތަހުގީގު ހިނގަމުންދަނީ އެމެރިކާގެ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ގުޅުންހުރި މައުލޫމާތު ގެންގުޅޭކަމުގެ ކުށުގައެވެ. އެސްޕިއޮނާޖް އެކްޓް އަކީ 1917 ވަނަ އަހަރު އެލަވާލާ ފައިވާ ގާނޫނެކެވެ.

ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގަނޑުވަރުން ފެނުނު 20 ފޮށީގެ ތެރޭގައި 11 ސެޓްގެ ކްލެސިފައިޑް ލިޔުންތައް ހިމެނެއެވެ. އޭގެތެރޭގައި އެއް ސެޓުގައި އެންމެ ސިއްރު އެންމެ ސެންސިޓިވް މައުލޫމާތު ހިމެނޭ ލިޔުންކަމަށް ލޭބަލްކޮށްފައިވެއެވެ.

ފެނުނު ތަކެތީގެ ތެރޭގައި ބައިންޑްކޮށްފައިވާ ފޮޓޯތަކަކާއި އަތުލިޔުމުން ލިޔެފައިވާ ނޯޓުތަކަކާއި ފްރާންސްގެ ރައީސް އާއި ބެހޭ ގޮތުން ހުރި މައުލޫމާތު ހިމެނެއެވެ.

"މާރް-އަ-ލާގޯ" ރެއިޑްއާއި ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ، ފްލޮރިޑާގެ ޕާމް ބީޗް ސަރަހައްދުގައި ހުރި އެ ގެއަށް އެފްބީއައިގެ ބޮޑު ގުރޫޕަކުން ވަދެގެންފައިވާ ކަމަށެވެ. އަންގާވެސްލުމެއް ނެތި ގެއަށް ވަތް އެފްބީއައިގެ ގުރޫޕުން، ތިޖޫރީއެއްވެސް ފަޅާލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިޔާ ނެޓްވޯރކް ޓްރުތު ގައި ޓްރަމްޕްގެ 3.8 މިލިއަން ފޮލޯވަރުންނަށް މިރެއިޑް އާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ ހުރިހާ ލިޔެކިޔުންތަކަކީވެސް ޑީކްލެސިފައިޑް ނުވަތަ ސިއްރު ނޫން މައުލޫމާތުތައް ކަމަށެވެ. ރަސްމީކޮށް އެއީ ސިއްރު ނޫން މައުލޫމާތުކަމަށް ނިންމާފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި އެލިޔެކިޔުންތައް ކޮންމެ ވަގުތެއްގައިވެސް އެފްބީއައި އަށް ދޭނެކަމަށާއި ކޮންމެހެން ލިޔެކިޔުންތައް ގަދަކަމުން އަތުލަން ނުޖެހޭކަމަށެވެ.

އެހެންނަމަވެސް އެމެރިކާގެ ރައީސަށް ލިޔެކިޔުންތަކަކީ ސިއްރު ނޫން މައުލޫމާތުތަކެއްކަން ކަނޑައެޅުމުގެ ބާރު ލިބިދެއެވެ. ނަމަވެސް މިލިޔެކިޔުންތަކަކީ އެގޮތަށް ޓްރަމްޕް ނިންމެވި ނިންމެވުމާ ގުޅުންހުރި ލިޔެކިޔުންތަކެއްކަމެއް ސާފެއްނުވެއެވެ.

ޓްރަމްޕްގެ ފްލޮރިޑާ ގަނޑުވަރު ރެއިޑް ކުރަން ކޯޓުން ނެރުނު އަމުރުގައި އެގަނޑުވަރު ސިފަކޮށްފައިވަނީ ގާތްގަނޑަކަށް 58 ކޮޓަރި އާއި 33 ފާޚާނަ ހިމެނޭ ބޮޑު ގަނޑުވަރެއްގެ ގޮތުގައެވެ. އަދި ކޯޓު އަމުރުގައި ވަނީ ހުރިހާ ސްޓޯ-ރޫމް ތަކާއި އެހެން ރޫމްތަކާއި ޓްރަމްޕް ބޭނުންކުރައްވާފައިވާކަމަށް ބެލެވޭ ހުރިހާ ތަނެއް ފާސްކުރުމަށެވެ.

"މާރް-އަ-ލާގޯ" ރެއިޑް ގުޅިފައި ވަނީ، ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނިމެން ދަނިކޮށް، ވައިޓްހައުސްގެ ގިނަ ލިޔެކިއުންތަކެއް އެތަނުން ބޭރު ކުރި މައްސަލައާއި އެވެ. ވައިޓްހައުސްއިން ލިޔެކިއުންތަކެއް ބޭރު ކުރުމަކީ އެމެރިކާގެ ޕަބްލިކް-ރެކޯޑްސް ޤާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ.

- ކޮމެންޓް
13 އޯގަސްޓް 2022 | ހޮނިހިރު 08:55
އަހުމަދު. ...ޖ
ޔާމީން ގެ ގެވެސް ބަލާފާސްކުރަންޖެހޭނެ، މމޕރސ މެދުވެރިކޮށް މުޅި މާލިއްޔަތު ދަވާލި މީހަކު ، ދައުލަތުގެ އެހެނިހެން ހަރުމުދާ ވަގަށް ނުނަގާނެ ކަމާމެދު ޝައްކު