ހުކުރުދުވަހު ބާޒާރުގެ އަގުތަކަށްބަލާއިރު ދިވެހިންގެ ތެރޭގައި އެންމެ ޑިމާންޑު އެކަތި ކަމަށްވާ ކަރާ އުޅެނީ ކިލޯއެއް 30 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.
ދިވެހިން އާންމުކޮށް ފަނިގިރަން ބޭނުންކުރާ ކުރުބާ އުޅެނީ 25 ރުފިޔާއާއި 30 ރުފިޔާއަށެވެ. އަނބު އުޅެނީ ކިލޯއެއް 50 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
ބުރާސްފަތި ދުވަހެކޭ އެއްގޮތަށް މިރުސް ކިލޯއެއްގެ އަގު އުޅެނީ 250 ރުފިޔާއާއި 300 ރުފިޔާއާއި ދެމެދުގައެވެ. ރަމަޟާން މަސް ފެށުނު އިރު މިރުސް އެހާ ތިޔާގި ނޫނަސް މިހާރު ބާޒާރުގައި އެންމެ ގިނަ ތިޔާގި އެކައްޗަކީ މިރުހެވެ.
ސަޓަނި ހަދަން ބޭނުން ކުރާ ފަތުގެ ބާވަތްތަކުގެ ތެރެއިން ކޮޕީ ފަތް ބޮޑިއެއްގެ އަގު އުޅެނީ، 20ރ. އާއި 25ރ. އާ ދެމެދުގަ އެވެ. ކުއްޅަފިލާފަތުގެ އަގު އެހެން ދުވަސްތަކާއި ޚިލާފަށް ހުކުރުދުވަހުގައި ވަނީ އަގުހެޔޮވެފައެވެ.
ފަތުގެ އަގުތައް އުފުލިގެންދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކަށް ބުނެ އެވެ. އެއީ އެހާގިނައިން ފަތުގެ ޑިމާންޑް ބޮޑުވެ ފަތް ލިބުން ދަތިވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ހުކުރު ދުވަހު ބާޒާރުގައި ހުރި ތަކެތީގެ ތެރެއިން އެންމެ އަގުހެޔޮވެފައިވަނީ ކެރެޓް، ކެބެޖް އަދި ކިއުކަމްބާގައެވެ. އެގޮތުން ކެރެޓާއި ކެބެޖް ކިލޯއެއްގެ އަގު 30 ރުފިޔާއަށް އުޅޭއިރު ކިއުކަމްބާ ކިލޯއެއްގެ އަގު އާންމުކޮށް އުޅެނީ 20 ރުފިޔާއަށެވެ.
ބާޒާރުގައި ހުރި ފަތްކޭލަށް ބަލާއިރު، ރަތްކެޔޮ ހުރީ 10ރ. އަށް ތިން ވަކުގެ ރޭޓުންނެވެ.
ސަންފާ ކެޔޮ ވަކެއް އުޅެނީ 4ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
މީގެ އިތުރުން ރަމަޟާން މަސް ފެށުނުއިރު އެންމެ އަގުބޮޑުކޮށްހުރި ކާށީގެ އަގު ވަނީ އާންމު ކޮށް ލިބެން ހުންނަ އަގަށް ބަދަލުވެފައެވެ. އެގޮތުން ކާށީގތެ އަގު އުޅެނީ 8 ރުފިޔާއާއި 10 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
ހުކުރުދުވަހު ބާޒާރުގައި ލިބެންހުރި ތަކެތީގެ ތެރެއިން އެންމެ ތަދު އެއްޗަކަށް ފެނުނީ ލުނބޯ އަދި ސަޓަނި ހަދަން ބޭނުންކުރާ ފަތުގެ ބާވަތްތަކެވެ.