ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 22:03
ފިޑޭ ޗެސް އޮލިމްޕިއާޑަށް ދިޔަ ރާއްޖޭގެ ޓީމު
ފިޑޭ ޗެސް އޮލިމްޕިއާޑަށް ދިޔަ ރާއްޖޭގެ ޓީމު
ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފިޑޭ ޗެސް އޮލިމްޕިއާޑް
ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖެއަށް ރަން މެޑަލެއް
މިއަހަރުގެ ފިޑޭ ޗެސް ޗެމްޕިއަންޝިޕްގައި 188 ގައުމަކުން 368 ޓީމު ވާދަކުރި
ރާއްޖެއިން ރަންވަނަ ހާސިލްކުރީ، ގަތަރުފަދަ ޗެސްގައި ފުންނާބު އުސް ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހު

ނިމިގެންދިޔަ 44 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް 2022ގައި ރާއްޖޭގެ ފިރިހެން ޗެސް ޓީމުން ރަން މެޑަލެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދީ ރާއްޖެ ހިމެނުނު 'އީ ކެޓަގަރީ'ންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމު ވަނީ 3، 6، 8، 10 އަދި 11 ވަނަ ރައުންޑު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މުބާރާތުގައި ރަންވަނަ ހާސިލްކުރީ، ގަތަރު ފަދަ، ޗެސްގައި ފުންނާބު އުސް ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މީގެ އިތުރުން ރާއްޖޭގެ އަންހެން ޓީމުންވެސް މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން އަންހެން ޓީމު ވަނީ 2،4 އަދި ނުވަ ވަނަ ރައުންޑް ކާމިޔާބުކޮށްފައެވެ. ފިޑޭ ޗެސް އޮލިމްޕިއާޑަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޗެސް މުބާރާތެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން ވިދާޅުވީ، މިއަހަރު ރާއްޖޭގައި ބޭއްވި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގެ ފައިދާ މި މުބާރާތުގައި ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އެގޮތުން މި މުބާރާތުގައި ސީނިއަރ ޓީމަށް ކުޅުނު ރާއްޖޭގެ ޖޫނިއަރ ޓީމުގެ ކުޅުންތެރިން، ލިބުނު ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފިކަން ޝިޔާން ފާހަގަކުރިއެވެ.

މިއަހަރުގެ ފިޑޭ ޗެސް ޗެމްޕިއަންޝިޕްގައި 188 ގައުމަކުން 368 ޓީމު ވާދަކުރިއެވެ. ރާއްޖެ ހިމެނުނު ކެޓަގަރީ އީގައި 38 ގައުމެއް ވާދަކުރިއެވެ. މުބާރާތް ބޭއްވި އިންޑިއާގެ ޗެންނާއީގައެވެ.

މި މުބާރާތަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އާބިޓަރަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މުހައްމަދު ޝަމްރޫހް ވަނީ މި މުބާރާތުގައި އާބިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ރާއްޖެއިން އަންނަނީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއަށ ޗެސްގައި ލިބިފައި ނުވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ރާއްޖޭގައި އަލަށް ބައިނަލްއަގްވާމީ ޗެސް މުބާރާތެއް ބޭއްވީވެސް މިއަހަރުއެވެ. މިއަހަރުގެ ފިޑޭ ޗެސް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ އެއްވަނަ ހާސިލްކުރި އުޒްބަކިސްތާނާއި ތިންވަނަ ހޯދި އިންޑިއާވެސް ވަނީ ރާއްޖޭގައި އޮތް މުބާރާތުގައިވެސް ވާދަކޮށްފައެވެ.

- ކޮމެންޓް