ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ބުރާސްފަތި ދުވަހު ސިންގަޕޫރުން ފުރާވަޑައިގަންނަވައިފިއެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެ ހުއްޓުމެއްނެތި ކުރަމުންދިޔަ މުޒާހަރާތަކާއެކު, އޭރު ވެރިކަމުގައި ހުންނެވި ރައީސް ގޮޔަބަޔާ ރާޖަޕަކްސައަށް ވަނީ މަގާމުން އިސްތިއުފާދެއްވުމަށް މަޖުބޫރުވެވަޑައިގެންފައެވެ. އެމަނިކުފާނު އިސްތިއުފާދެއްވާނެކަން އިއުލާނުކުރައްވައި އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވުމުގެ ކުރިން ގައުމުން ފުރާވަޑައިގެންނެވިއެވެ.
ޖުލައި 13 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެކަމަށް އިއުލާނުކުރެއްވުމަށްފަހު، ޖުލައި 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަންނަވާފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ހުށަހަޅާފައިވަނީ ސިންގަޕޫރުގައި ހުންނަވާ، ޖުލައި 14 ވަނަ ދުވަހުއެވެ.
ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު، އެގައުމުގައި ގޮތަބަޔާއަށް ހުންނެވޭނީ 14 ދުވަހު ކަމަށް ސިންގަޕޫރުން ވަނީ ބުނެފައެވެ. އެމަނިކުފާނަށް ސިންގަޕޫރުގައި ހުންނެވޭނެ މުއްދަތު ހަމަވާން ކައިރިވުމާއެކު، އަނބުރާ ގައުމަށް ވަޑައިގަންނަވާނެކަމަށް ރިޕޯޓުތައް ބުނިނަމަވެސް، އެމަނިކުފާނު ވަނީ ސިންގަޕޫރުގައި މަޑުކުރައްވާ މުއްދަތު އިތުރުކުރައްވާފައެވެ.
މިވަގުތަކީ ގޮތަބަޔާ ގައުމަށް އެނބުރި ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެފައިވީނަމަވެސް ލަންކާގެ ސުޕްރީމް ކޯޓުން ވަނީ އޮގަސްޓް 1 ވަނަ ދުވަހަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ގޮތަބަޔާއަށް އަންގާފައެވެ. މިއީ ގައުމު ބަނގުރޫޓުވުމާ ހިސާބަށް ދިއުމުގައި، އޭރުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ރޯލާ ގުޅޭގޮތުން ތަހުގީގެއް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމެކެވެ.
ސިންގަޕޫރުން ފުރާވަޑައިގެން ގޮތަބަޔާ ވަޑައިގަންނަވާ ތަނެއް ސީދާ ހަމަކުރައްވާފައި ނެތްނަމަވެސް، އެމަނިކުފާނު ތައިލޭންޑުން ހިމާޔަތް ހޯއްދަވާކަމަށް ތައިލޭންޑްގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ލަންކާގެ ބައެއް މީޑިއާތަކުންވެސް ވަނީ ގޮތަބަޔާ ތައިލޭންޑަށް ވަޑައިގަންނަވާކަމަށް ރިޕޯޓުކޮށްފައެވެ.