މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފަށާ ތާރީޚަށް ބަދަލު ގެންނަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
މީގެ ކުރިން ޤަތަރުގައި އޮންނަ ވޯލްޑް ކަޕް ފަށަން ތާވަލްކޮށްފައި އޮތީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފީފާ އިން ވަނީ އެ ތާރީޚަށްވުރެ އެއް ދުވަސް ކުރިން ވޯލްޑް ކަޕް ފަށަން ނިންމާފައެވެ. ރިޕޯޓުތަކުގައިވާ ގޮތުން ފީފާއިން މިގޮތަށް ނިންމަން ޖެހުނު ސަބަބަކީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ޤަތަރަށް މުބާރާތުގެ ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދިނުމަށެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި ޤަތަރުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ. ފުރަތަމަ ޝެޑިއުކޮށްފައިވާ ގޮތުން އެއީ މުބާރާތުގެ ތިން ވަނަ މެޗެވެ. އެ ޝެޑިއުލްގައިވާ ގޮތުން މުބާރާތް ފަށާ މެޗުގައި ކުޅޭނީ ސެނެގާލާއި ނެދަލެންޑްސްއެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އިންގެލެންޑާއި އީރާނެވެ.
ފީފާ އިން ގެންނަން ނިންމި ބަދަލާއެކު، މުބާރާތުގެ ފުރަތަމަ މެޗަށްވާނީ ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރާއި އެކުއެޑޯ ބައްދަލުކުރާ މެޗެވެ.
މިއަހަރުގެ މުބާރާތަކީ އިންތިޒާމުތައް ފުރިހަމަ މުބާރާތަކަށް ހެދުމަށް ޤަތަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.