ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 23:06
ސައްޙަ ނޫން ޑޮލަރު ވިއްކުން
ސައްޙަ ނޫން ޑޮލަރު ވިއްކުން
ޕޮލިސް
ސައްހަ ނޫން ޑޮލަރު ވިއްކުން
ސައްޙަ ނޫން ޑޮލަރު ވިއްކުން: މިހާތަނަށް ދެ ލައްކައަށްވުރެން ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދާފައިވޭ
 
ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރު ކުރޭ

މަކަރާއި ހީލަތުން، އޮޅުވާލައިގެންނާއި، އަދިވެސް މިނޫން ގޮތްގޮތުން މީހުންގެ އަތުން ފައިސާ ހޯދުމަކީ މިހާރު ވަރަށް ގިނައިން ފެންމަތިވާ މައްސަލައެކެވެ. މިކަން ހައްލުނުވެ މިހެން ދަމުންގޮސް، ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މިކަން ކުރާ ގޮތަށް ނުވަތަ އެކަން ކުރާ މީހުން ގެންގުޅޭ އުކުޅުތަކަށްވެސް ބަދަލުތައް އަންނަމުންދެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިކަން ކުރަމުންދެއެވެ. އަދި ފޭކު ކޯލްތައް ކޮށްގެން ވެސް ފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރެއެވެ.

މިފަހަރު ވައިބާ ކޮމިއުނިޓީތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކާ މައްސަލަތައް ވެސް މިވަނީ ފެންމަތިވެފައެވެ. މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިވަނީ އެދިފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވެއެވެ. މިފަދަ މުއާމަލާތް ތަކާއި ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ސައްހަނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓް ކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން މިއަމަލު ދެ ގޮތަކަށް ހިންގާ ކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރު ކުރެއެވެ. މިގޮތުން ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރެއެވެ. އެއަށްފަހު ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސައެވެ. ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ޑޮލަރު ވިއްކާ ކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިސްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ދެފަރާތް އެއްބަސްވާ ތަނެއްގައި ބައްދަލު ކުރެއެވެ. ބައްދަލުވުމަށްފަހު، ވިކްޓިމް ނުވަތަ ޑޮލަރު ގަންނަން ބޭނުންވާ މީހާ   އާއި ޑޮލަރު ހަވާލުކުރުމުގެ ކުރިން ދިވެހި ރުފިޔާ، ސަސްޕެކްޓާ ނުވަތަ ޑޮލަރު ވިއްކާ މިހާއާއި ހަވާލުކުރުމަށް ޝަރުތު ކުރެއެވެ. އެއަށްފަހު، ޑޮލަރު ގަންނަ މީހާއަށް ދޭ ޑޮލަރު ގުނަން ފެށުމުގެ ކުރިން ނުވަތަ ގުނަން ފެށުމުން، ޑޮލަރު ވިއްކަން އައި މީހާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލައެވެ. މި ހާލަތުގައި ގިނަ ފަހަރަށް ޑޮލަރު ގަންނަން ބޭނުންވާ ފަރާތަށް ދީފައި ހުންނަނީ ސައްހަ ނޫން ޑޮލަރު ހިމެނޭ ގޮތަށް، ރުފިޔާ ދެއްކި އަދަދަށްވުރެ މަދުންނެވެ.

މީގެއިތުރުން، ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފަރ ކޮށްލާނެކަމަށް ބުނެ ފަހުން ޚަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ފުލުހުންގެ ތަހުގީގުތަކުން ފާހަގަކުރެއެވެ. މިފަދަ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޑޮލަރަކީ ސައްހަ ޑޮލަރެވެ. މިގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކުރެވޭ އިރު ކުށް ކުރި ފަރާތް ހޯދައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރެވުނުކަމުގައި ވީ ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަމަށް ފުލުހުން ބުނެއެވެ. މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ފޯނު ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވެއެވެ.

ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދީ، ލޯ ހުޅުވަންވީ ކަމެއް އެބައޮތެވެ. މިފަދައިން ނުދަންނަ ނަންބަރުތަކުން ކުރާ މެޖެސުތަކަށާއި ކޯލްތަކަށް އިތުބާރު ނުކުރުމެވެ. މީހަކު ގުޅާފައި ބުނާއިރަށް ފައިސާ ނުފޮނުވުމެވެ. އެކަމަކު މިކަހަލަ މައްސަލަތަކުގެ ހައްލު ވެސް އެބައޮތެވެ. އެއީ ހޭލުންތެރިކަން އިތުރު ކުރުމެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަންވީއެވެ.

މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދޭންވީއެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މީގެއިތުރުން ޑޮލަރު ގަތުމަށް މުޢާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުޢާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީވެސް އެޅިދާނެ ފިޔަވަޅެކެވެ. މުޖުތަމައުގެ ހުރިހާ ފަރުދުން ހޭލުންތެރިވެގެން ނޫނީ މިފަދަ މަކަރުވެރި މީހުންގެ ކިބައިން ރައްކާތެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް ސަމާލުވާން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް