ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 18:34
ހަވިއޭ ޗިޗާރިޓޯ ހެނާންޑޭޒް
ހަވިއޭ ޗިޗާރިޓޯ ހެނާންޑޭޒް
މާސާ
ޔުނައިޓެޑްގެ ކުޅުން ރަނގަޅުކުރުން
ޗިޗާރިޓޯ ހުރީ ޔުނައިޓެޑަށް ހިލޭ ކުޅެދޭން ތައްޔާރަށް
ޗިޗާރިޓޯ މިހާރު ކުޅެމުން އަންނަނީ އެމްއެލްއެސް ލީގުގެ އެލްއޭ ގެލެކްސީއަށް

މެންޗެސްޓަރ ޔުނައިޓެޑަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެއްވެސް އަގަކާނުލައި އެޓީމަށް ކުޅެދޭން ތައްޔާރަށް ހުރިކަމަށް، އެޓީމުގެ ކުރީގެ ސްޓްރައިކަރު ހަވިއޭ ޗިޗާރިޓޯ ހެނާންޑޭޒް ބުނެފިއެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ޔުނައިޓެޑަށް ވަނީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލިފައެވެ. މި ސީޒަންގައި ޔުނައިޓެޑް ވާދަކުރަންޖެހޭނީ ޔޫރޮޕާ ލީގުގައެވެ. މީގެ އިތުރުން ޓީމަށް ރަނގަޅު ކުޅުންތެރިން ހޯދުމުގައިވެސް އެޓީމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ޓީމު ދޫކޮށްލަން ބޭނުންވާކަން މީގެ މަހެއްހާ ދުވަސް ކުރިން ޔުނައިޓެޑްގެ މެނޭޖްމެންޓަށް އެންގިއެވެ.

ޓީމުގެ ހާލަތު ދެރަކޮށް އޮއްވައި މި ސީޒަންގެ ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ނުކުތީ ބްރައިޓަންއާ ދެކޮޅަށެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މި މެޗުން އެޓީމު ބަލިވީ 2-1ންނެވެ. ޔުނައިޓެޑަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ އިދިކޮޅު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ޔުނައިޓެޑަށް ކުރިން ކުޅުނު ޗިޗާރިޓޯ ބުނީ ޓީމަށް ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް އޭނާގެ އެހީ ޔުނައިޓެޑުން ބޭނުންވެއްޖެނަމަ އެއްވެސް އަގަކާނުލައި އެޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. އުމުރުން 34 އަހަރުގެ ޗިޗާރިޓޯ މިހާރު ކުޅެމުން އަންނަނީ އެމްއެލްއެސް ލީގުގެ އެލްއޭ ގެލެކްސީއަށެވެ. މީގެ އިތުރުން އޭނާ ވަނީ ގެލެކްސީއާއެކު އޭނާ ތައްޓެއް ހޯދަން ބޭނުންވާކަންވެސް ފާހަގަކޮށްފައެވެ.

ޔޫރަޕުގައި އެންމެ ފަހުން ޗިޗާރިޓޯ ކުޅުނީ ސްޕެއިންގެ ސެވިއްޔާއަށެވެ. ސެވިއްޔާގައި އޭނާ ކުޅުނު ނުވަ މެޗުގަ ޗިޗާރިޓޯ ވަނީ އެއް ލަނޑު ޖަހާފައެވެ.

ޗިޗާރިޓޯ ޔުނައިޓެޑަށް ސޮއިކުރީ 2010 ވަނަ އަހަރުއެވެ. ޔުނައިޓެޑްގައި މުހިންމު ދައުރެއް އޭރު އަދާކުރި ޗިޗާރިޓޯ ވަނީ އެޓީމަށް ކުޅުނު 103 މެޗުން 37 ލަނޑު ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑްގައި އޭނާ ވަނީ ދެޕްރިމިއަރ ލީގު ތަށި އުފުލާލާފައެވެ.

- ކޮމެންޓް