މިދިޔަ 40 އަހަރު ތެރޭގައި ފ. މަގޫދޫގެ ތައްގީއަށް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ފ. މަގޫދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހަލީމް ވަނީ, ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާއެކުގައި ވެސް ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ސަރުކާރަކީ ވަކި ތަފާތުކުރުމެއް ބަހައްޓާނެ ބައެއް ނޫން. އާބާދީ ކުޑަވީމަ ތަރައްގީނުވެފައެއް ނުހުންނާނެ. ސަރުކާރުން އަބަދުވެސް ބަލަނީ ތަރައްގީގެ ކަންކަން އަވަހަށް ހަމަހަމައަށް ކުރިއަށް ގެންދެވޭތޯ.މެމްބަރު ހަލީމް
މަގޫދޫގެ އެއާޕޯޓު އެޅުމަކީ އެރަށުގެ ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ އިދާރީ ފުދުންތެރިކަން ލިބިގެންދިއުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތަކީ މަގޫދޫގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން އެ ސަރަހައްދަކީ ފަތުރުވެރިކަން ދިރުވައި އާލާކުރެވިދާނެ ސަރަހައްދެއްކަމަށް ވާއިރު، އެކަން ކުރެވޭނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެގެންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެއާޕޯޓުގެ މައްސަލައިގަ މީހުން ގުޅާ. ދުވާލަކު 50 ވަރަކަށް ކޯލް އާދޭ. މާޔޫސްކަމުގެ ކޯލްތައް ގިނަ. މަލާމާތުގެ ބަސް ވެސް އެއްލަމުންދޭ. އެހެންނަމަވެސް މިކަން ކުރެވޭނެކަން އަޅުގަނޑަށް ސާފު. ސަބަބަކީ އެމްޑީޕީގެ ސަރުކާރެއް އޮތުން.މެމްބަރު ހަލީމް
ހަލީމް ވަނީ, މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.