ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 01:00
ގޭމްސްގައި ރަފާ އަދި ދީމާ
ގޭމްސްގައި ރަފާ އަދި ދީމާ
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ދެވަނަ މެޗުގައި ވަރުގަދަ ތުރުކީ އަތުން އަންހެން ޓީޓީ ޓީމު ބަލިވެއްޖެ
ސީދާ ތިން ގޭމުން ބަލިވި ނަމަވެސް، ދީމާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އަންހެން ޓީމު އިވެންޓުގައި ވަރުގަދަ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެއެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި އަންހެން ސިންގަލްސްގައި ކުޅެން ނުކުތީ ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލްއެވެ. ޖުމާނާއާ ވާދަކޮށް ތުރުކީގެ އައިކާން ވަނީ ސީދާ ތިން ސެޓުން ގޭމު ހޯދާފައެވެ. އެއީ 11-03، 11-01 އަދި 11-03 އިންނެވެ. ދެ ވަނަ އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ނުކުތީ ތުރުކީގެ ވަރުގަދަ އޯޒްގޭއާ ދެކޮޅަށެވެ. އޯޒްގޭ އަކީ މި އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ.

ދީމާގެ މައްޗަށް އޯޒްގޭއަށް ކުރި ހޯދިފައިވަނީ ތިން ސެޓު ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ދީމާ ވަނީ 11-05 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް އޯޒްގޭ ވަނީ 11-01 ގެ ބޮޑޫ ތަފާތަކުން ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ހޯދާފައެވެ. ހިތްވަރާއެކު ކުޅެ ދީމާ ވަނީ ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އެއީ 11-09 އިންނެވެ. ނަތިޖާ ނެރުމަށް ކުޅުނު ސެޓު ވެސް ދިޔައީ ވާދަވެރިކޮށެވެ. ތަޖުރިބާގެ ތަފާތު ދައްކައި އޯޒްގޭ މި ސެޓު ކާމިޔާބުކުރީ 11-08 އިންނެވެ.

ތިން ވަނަ ގޭމުގައި އަންހެން ޑަބަލްސްގައި ރާއްޖޭގެ ރަފާ އަދި ދީމާ ނުކުތީ ތުރުކީގެ އޯޒްގޭ އާއި ސިބެލް އަލްތިންކަންޏާއާ ދެކޮޅަށެވެ. ތުރުކީގެ ޕެއާއިން ވަނީ ސީދާ ތިން ސެޓުން މި ގޭމު ކާމިޔާބުކޮށްފައެވެ. އެއީ 11-04، 11-07 އަދި 11-06 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ޔޫގާންޑާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ކުރިއަށް އޮތް ބުރުން ޖާގަ ލިބޭނެއެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ އޮތީ ތުރުކީއެވެ. ދެ ވަަނައިގައި އޮތް ރާއްޖެ އާއި ޔޫގާންޑާ ވަނީ އެއް މެޗުން މޮޅުވެފައެވެ. އެއީ ޖިބޫޓީއާ ދެކޮޅަށް ކުޅުނު މެޗެވެ.

- ކޮމެންޓް