ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 17:12
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ
ޕީޖީ އޮފީސް
އެއްޖިންސުން ގުޅުން ހިންގި މައްސަލަ
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 3 މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މި މައްސަލައިގައި ދައުވާކޮށްދޭން އެދިފައިވަނީ މުހައްމަދު ނަޝީދުއާއި ނާޒިމް ސައްތާރުއާއި ފުލުސްމީހާގެ މައްޗަށް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ވަނީ އެކަން "ރާއްޖެ އެމްވީ"އަށް ކަށަވަރުކޮށްދީފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މި މައްސަލައިގައި ދައުވާކޮށްދޭން އެދިފައިވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުއާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުއާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ. މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ.

މި ތިން މީހުން މައްޗަށް ދައުވާ އުފުލަން އެދިފައިވަނީ ޖިންސީ ކުށުގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން ތުހުމަތުކުރާ ކުށް އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެމަ ޖަލު ހުކުމެއް އަންނާނެއެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވަމުން އަންނައިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ، އަލަމްގީރް ހިމެނޭހެން ހަތަރު މީހުންނެވެ. އަދި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި ސިޔާސީ އިސް ފަރާތްތަކާއި ފުލުހުންނާއި ސިފައިން ހިމެނޭކަމަށްވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއްބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއްގެ އިތުރުން އެ މަންޒަރުތައް ފެންނަ ވީޑިއޯއާއި ފޮޓޯ ނަގައި، ބްލެކްމެއިލްކުރި މައްސަލަތަކެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.

- ކޮމެންޓް