ސަމަގި ޖަނަ ބަލަވެގަޔަ (އެސްޖޭބީ) އިން ތާއީދު ކުރާނީ ސްރީލަންކާގައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގައުމީ ޕްރޮގްރާމަކަށް ކަމަށާއި އެޕާޓީން ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލަން ތާއީދު ނުކުރާނެ ކަމަށް ބުނެފިއެވެ.
އެސްޖޭބީ އިން ވަނީ އެޕާޓީން ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރަކަށް ތާއީދު ނުކުރާނެ ކަމަށް ރައީސް ރަނިލް ވިކްރަމަސިންގހައަށް އަންގަވާފައިވާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ހުރިހާ ޕާޓީތަކެއް ގުޅިގެން ތައްޔާރުކުރާ ޕްރޮގްރާމަކަށް އެޕާޓީގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށްވެސް އެސްޖޭބީން ބުނެއެވެ.
އެސްޖޭބީން ވަނީ އެޕާޓީގެ މެމްބަރުން މިނިސްޓީރިއަލް މަގާމުތައް ބޭނުން ނުވާ ކަމަށް ބުނެފައެވެ. ޕާޓީން ތައްޔާރަށް އޮތީ ހަމައެކަނީ ރަނގަޅު ޕްރޮގްރާމެއް އެކުލަވާލުމަށް އެއްބާރުލުން ދިނުމަށް ކަމަށް އެސްޖޭބީން ފާހަގަކުރެއެވެ.
އެހެން ނަމަވެސް ހުރިހާ ޕާޓީއަކުންވެސް މިނިސްޓީރިއަލް މަގާމުތަކާ ހަވާލުވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވާނަމަ އެއީ ސިޔާސީ ޕާޓީތައް ބަލިކަށިކުރުމަށް ކުރުއްވާ ކަމެއްގެ ގޮތުގައި ސިފަކުރެވޭނެ ކަމަށް އެސްޖޭބީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުރިހާ ޕާޓީއެއް ގުޅުގެން އެކުލަވާލާ ޕްރޮގްރާމަށްވެސް އެސްޖޭބީގެ އެއްބާރުލުން ލިބޭނީ ޝަރުތުތަކަކާ އެކު ކަމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށް އެސްޖޭބީން ބުނެއެވެ. އެގޮތުން ކޮމިޓީ އޮން ޕަބްލިކް އެންޓަރޕްރައިސެސް އާއި ކޮމިޓީ އޮން ޕަބްލިކް އެކައުންޓްސް އަދި ޕަބްލިކް ފައިނޭންސް ކޮމިޓީ ފަދަ ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި އައްޔަނުކުރައްވަން ޖެހޭނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެމްބަރުން ކަމަށް އެސްޖޭބީން ވަނީ ހުށަހަޅާފައެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ގަވާއިދުތައް އުވާލުމަށްވެސް އެޕާޓިން ވަނީ ބުނެފައެވެ.
އެސްޖޭބީން ވަނީ ލަންކާގެ ގާނޫނު އަސާސީގެ 22 ވަނަ އިސްލާހުގައި ހިމަނާފައިވާ ނުކުތާއެއްވެސް އުވާލަން ހުށަހަޅާފައެވެ. އެއީ ގާނޫނީ ކައުންސިލަށް މީހުން އައްޔަނުކުރާނީ މަޖިލީހުގެ މެޖޯރިޓީން ކަމަށް ބުނެފައިވާ ނުކުތާއެވެ.