މިނީ ބަހުގެ ޚިދުމަތް ފުރަތަމަ ދެ ހަފުތާގައި ފޯރުކޮށްދޭނީ ހިލޭކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
އާޒިމް ވިދާޅުވީ، ކުންފުނީގެ އަމާޒަކީ 10 މިނެޓުން ހިނގާފައި ދެވޭ ހިސާބުގައި ބަސް ސްޓޮޕްތައް ބެހެއްޓުން ކަމަށެވެ. ފުރަތަމަ ދެ ހަފުތާގައި މި ޚިދުމަތް ފޯރުކޮށްދޭނީ މުޅިން ހިލޭކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ޚިދުމަތް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، އަދި ލ. އިސްދޫ ކަލައިދޫގައި މިހާރު ވަނީ ފަށާފައެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ 50 އަހަރުގެ ސަރވިސް އެގްރީމަންޓްގެ ދަށުން ދެވޭ ޚިދުމަތެކެވެ. ފެންވަރު ރަނގަޅުކޮށް، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން މި ކުންފުންޏާ ހަވާލުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތުގެ ތެރޭގައި; އާރްޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް ހިމެނެއެވެ.
މި ޚިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެގެނެސްފައެވެ. މި ބަސްތަކަކީ ބޮޑުމިނާއި ޖާގައިގެގޮތުން ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބަސްތަކެކެވެ. އެއަރކޮންޑިޝަން ކުރެވިފައިވާ މި ބަސްތަކުގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ.
31 ޖުލައި 2022 ވަނަ ދުވަހު އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޚިދުމަތް ދޭން ފެށުނުނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާކުރުމުގެ ދަތުރުތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މުއްދަތުގައި ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ މީހުންނަށްވެސް އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.
މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސް ސްޓޮޕްތައް ބެހެއްޓުމުގެ މަސައްކަތަށް, މިހާރު ހުރި ބައެއް ޕާކިންގ ޒޯންތައް އެހެން ތަންތަނަށް ބަދަލުކުރަންޖެހެއެވެ. އަދި ބަސް ސްޓޮޕްތައް ބެހެއްޓިގެންދާނީ އެއަށްފަހުގައެވެ. ސަރުކާރުން މިހާރު ވަނީ ޕާކިންގ ޒޯންތައް ބަދަލުކުރާނެ ބިން ސިޓީ ކައުންސިލަށް ދީފައެވެ. މިއާއެކު ޕާކިންގތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ފެށުމަށެވެ. އެހެންނަމަވެސް މި ޚިދުމަތް ފެށޭނީ މިކަމަށް ބޭނުންވާ ބަސް ސްޓޮޕްތައް ގާއިމްކުރެވުމުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.