ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 09:29
އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް
ރާއްޖެއެމްވީ
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ތައްޔާރުވުން
ސްކޫލް ކުދިންނަށް ވަކި ބަސްތަކެއް ބާއްވަން މާލޭގައި ދަތިވާނެ: އާޒިމް
 
ބަހުގެ ޚިދުމަތް ހޯދާއިރު، ގަޑީގެ ކުރިން ބަހަށް އެރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި
 
އާޒިމް ވިދާޅުވީ މާލޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނަކީ އެކި ސަރަހައްދުތަކުގައި ދިިރިއުޅޭ ކުދިންނަށްވުމުން، ވަކި ބަހެއްގެ ޚިދުމަތްދޭން ދަތިވާނެކަމަށް

މާލޭގައި ސްކޫލްކުދިންނަށް ވަކި ބަސްތަކެއް ބޭއްވުމަކީ ދަތިކަމެއްކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން "ރާއްޖެ ޓީވީ"ގެ ފަލަސުރުޚީގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ، މާލެގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަވެފައި އެކި ސަރަހައްދުތަކުން ކުދިން ނަގަންޖެހޭނެތީ، މާލޭގައި ސްކޫލްތަކަށް ޚާއްސަ ބަސްތަކެއް ބާއްވަން ދަތިވާނެކަމަށެވެ. ބޭރު ގައުމުތަކުގައި އެގޮތަށް ޚިދުމަތް ދެވެނީ މަދު ކުދިންކޮޅެއް ގެންދާތީއާއި، އެއް ސްކޫލެއްގައި ކިޔަވާ ކުދިން އެއް ސަރަހައްދެއްގައި ދިރިއުޅޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެއް ރޫޓަކުން އެއް ސްކޫލަކަށް ދަރިވަރުން ގެންދިއުމަކީ ދަތިކަމެއް ކަމަށާއި، މާލޭގައި ދަރިވަރުން އަންނަންދެން ބަސް މަޑުކޮށްލައިގެން ބޭއްވުމަކީވެސް ދަތިކަމަކަށް ވާނެކަމަށެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށާއިރު ބޭނުން ކުރަނީ 20-25 މީހުންގެ ޖާގައިގެ ބަސްތައް ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެއީ މާލޭގެ އެއް ސްކޫލެއްގެ ދަރިވަރުން އުފުލޭނެ ޖާގައިގެ ބަސްތަކެއް ނޫންކަމަށެވެ. އަދި ބަހުގެ ޚިދުމަތް ފެށުމުން އެންމެ ރަނގަޅު ގޮތަކީ، ވަގުތު އޮއްވައި ބަހަށް އެރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަސޭހަ ގޮތަކަށް ވާނީ ހުރިހާ ކުދިންވެސް ގަޑިލާފަ ނުކުމެގެން ބަހަށް އަރައިގެން ސްކޫލަށް ދިއުން. ހުރިހާ ކުދިން އެއްފަހަރާ ބަހަށް އަރަން އައިސްގެން ދަތިވާނެ. އެހެންވެ، އަޅުގަނޑު އެދެނީ ޕަބްލިކް ޓްރާންސްޕޯޓަކީ ގަޑި ލައިގެން ބޭނުންކުރާ އެއްޗެއް ގޮތުގައި ހަދައިގެން، ޕަބްލިކް ޓްރާންސްޕޯޓަށް ހޭނުން. އެހެން ނޫނިއްޔާ ސަރވިސް ޕްރޮވައިޑަރއަށްވެސް މީގެ ދަތިތައް ހުންނާނެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވަނީ ސްކޫލް ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ވެސް ބަހުގެ ޚިދުމަތް ހޯދާއިރު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ބަހުގެ ތެރޭގައި ކެއުމާއި ބުއިމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ކުނި ނޭޅުމަށް ވެސް އޭނާ އެދެއެވެ.

މީގެ އިތުރުން ބަހުގެ ޚިދުމަތް ހޯދާއިރު އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވެސް މުހިންމުކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭއިރު، ސްކޫލް ކުދިންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ އެ ޚިދުމަތް ލިބޭނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕްތަކަށް ބަސް ދަތުރުތައް ބޭއްވުމެވެ. މިކަމަށް ބޭނުންވާ ބަސްހުއްޓިތައް ބެހެއްޓުމުގެ މަސައްކަތާއި، ޓްރެފިކާ ގުޅުންހުރި މަސައްކަތް މާލެ ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ކުރަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ އިތުރުން މިނީ ބަހުގެ ޚިދުމަތް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައިވެސް ދޭނެއެވެ. މި ތިން ސަރަހައްދުގައި މިހާރު ޚިދުމަތް ފަށާފައިވާއިރު، އަދި ކުރިއަށްދަނީ ބަސް ރޫޓްތައް ދިރާސާކުރުމުގެ މަސައްކަތެވެ. މި މުއްދަތުގައި ހުރިހާ ފަރާތްތަކަށްވެސް ހިލޭ ބަހުގެ ޚިދުމަތް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް