އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަފްސީ އަބްދުﷲ "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ މުވައްޒަފަކަށް އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭތީ އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ އެ މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރަމުން އަންނަ އިދާރީ މުވައްޒަފެއް ކަމަށާއި އޭނާއަކީ ކުޑަކުދިންނާ މުއާމަލާތް ކުރާ މުވައްޒަފެއް ނޫން ކަމަށް ވެސް ހަފްސީ ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކު ދެ ދިވެހިން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ދެން ފެންނަ ދިވެހި މީހާއަކީ މާލޭގެ ސްކޫލެއްގެ ޓީޗަރެއް ކަމަށް ތުހުމަތު ކުރެވޭތީ އެ މީހާ ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެމްޑީ އަލަމްގީރާއެކު ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ފާއިތުވި ދުވަސްތަކުގައި ވަނީ އާއްމުވެފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މީގެ ކުރިންވެސް އަލަމްގީރު ހިމެނޭހެން 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މީހަކު ހިމެނެއެވެ.
މީގެ އިތުރުން އެއްޖިއްސުން ގުޅުންހިންގުމުގެ އެހެން މައްސަލައެއްގައި އިތުރު ދިވެހި ފިރިހެނަކުވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
އެއްޖިއްސުން ގުޅުން ހިންގި މައްސަލަތަކެއްގެ އިތުރުން އެ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.