ސްކޫލް ކުދިންނަށް ހެދުނުގެ ނާސްތާ ދިނުމަށް ހިންގާ ނާސްތާ ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ހިންގާނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށް ޚާއްސަކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ނާސްތާ ޕްރޮގްރާމް އަކީ ސަރުކާރުން ތައުލީމީ ދާއިރާ އަށް ވެފައިވާ މުހިންމު ވައުދެެކެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާގޮތަށް ކުދިންގެ އާދަތައް ބައްޓަންކުރުމަށް ބާރު އެޅުމަށް އެކުލަވާލި ސިޔާސަތެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާފައި ވަނީ މީގެ 3 އަހަރު ކުރިންނެވެ. ދިރާސީ އާ އަހަރުގެ ތައްޔާރީތަކާއި ބެހޭ ގޮތުން ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ނާސްތާ ޕްރޮގްރާމް އަށް އެފަދަ ބަދަލެއް ގެންނަން ނިންމި އެއް ސަބަބަކީ ނާސްތާ ދިނުމުގެ މަރުހަލާގައި ހިނގާ އިސްރާފުކުރުމުގެ ކަންކަން ނިމުމަކަށް ގެނެސް، އެ ޕްރޮގްރާމަކީ ނީޑްބޭސް ޕްރޮގްރާމަކަށް ހެދުންކަމަށެވެ.
މީގަ ވޭސްޓް އާއި ޚަރަދާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު އާ އަހަރު ފަށާ އިރު ބަދަލެއް އެބަ ގެންނަން. އެއީ ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެންދާނީ ނީޑް ބޭސްޑް ޕްރޮގްރާމް އަކަށްމިނިސްޓަރ އައިޝަތު އަލީ
މީގެ ކުރިން ރައްކާތެރިކަމަށް ބެލުމަށް ފަހު ނާސްތާ ޕްރޮގްރާމް ވަނީ މެދުކަނޑާލާފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު ކޮވިޑްގެ ހާލަތާއެކު ނާސްތާ މެދުކަނޑާލަން ނިންމާފައިވަނީ ނާސްތާ ޕްރޮގްރާމަށްވުރެ ދަރިވަރުންގެ ސިއްހަތު މުހިންމު ވީމާ ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ. ކޮވިޑްގެ ހާލަތުގައި އެހެން ބަޔަކު ތައްޔާރުކުރާ ތަކެތި ދަރިވަރުންނަށް ކާން ދިނުމަކީ އެހާ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާދެއްވާފައިވާތީ އެކަން އެވަގުތަށް ކުރިއަށް ނުގެންދަން ނިންމީކަމަށް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.