ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ދ. ކުޑަހުވަދޫ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 17 މީހަކު ބުރާސްފަތި ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 14 މީހަކު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކުޑަހުވަދޫ ޒުވާނަކަށް ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެ ގެންނަން އެމީހާ ފްލައިޓަށް ނޭރުވޭނެކަމަށް ބުނެ ލަސްވުމުން މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކުރި ބައެއް ރައްޔިތުން ބުނީ ބަލިމީހުން ފްލައިޓްގައި ނުއުފުލާ މައްސަލަ ދިމާވަނީ އަލަށް ނޫން ކަމަށާއި މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންތާ އެއަރއާއި ފްލައިމީއަށް އަންގާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން މަންތާ އެއަރއާއި ފްލައިމީ އޮޕަރޭޓްކުރާ ފަރާތްތަކަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން އެމިނިސްޓްރީން އަންގާފައިވާކަމަށާއި، އެކަން ނުކޮށްފިނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
މަންތާ އެއަރގެ ފްލައިޓަކަށް ބަލި މީހަކު އަރުވަން ދެކޮޅުހެދިކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައިގައި މުޒާހަރާކުރި މީހުން ވަނީ މަންތާގެ ފްލައިޓްގައި ދަތުރުކުރި ފަތުރުވެރިން ހައިޖެކްކޮށްފައިކަމަށް، އެ އެއަރލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވަނީ ވިދާޅުވެފައެވެ.
މަންތާ އެއަރއިން ވަނީ މަންތާ އެއަރއިން ބޭނުންކުރާ ސީޕްލޭންތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަމަށް ވެސް ބުނެފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާ އެއްގޮތަށް ބެލި ނަމަވެސް ކުރެވޭނެކަމެއް ނޫންކަމުގައި އެ އެއަރލައިނުން ބުނެއެވެ.