ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 22:36
ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރައިނަރ
ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރައިނަރ
ރޮއިޓަސް
ގްރައިނަރގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ދައުވާ
މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ބްރިޓްނީ ގްރައިނަރއަށް 9 އަހަރުގެ ޖަލު ހުކުމެއް!
ގްރައިނަރ ހައްޔަރުކުރީ ފެބްރުއަރީ މަހު މޮސްކޯ އެއާޕޯޓުން
ރަޝިޔާގެ އޮފިޝަލުން ބުނަނީ އޭނާ ހެޝިޝް އޮއިލް ގެންގުޅުނުކަމަށް
ގްރައިނަރއަށް 16590 ޑޮލަރުގެ ޖޫރިމަނާއެއް

މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވެ, މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރައިނަރ 9 އަހަރަށް ޖަލަށް ލުމަށް ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެމެރިކާގެ ގޯލްޑް މެޑަލިސްޓް ގްރައިނަރ ހައްޔަރުކޮށްފައިވަނީ މޮސްކޯގެ އެއާޕޯޓުން، މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރިކަން ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރީ އޭގެ ތިން ހަފުތާވަރު ފަހުން، މާރޗް މަހުގެ ތެރޭގައެވެ. ރަޝިޔާގެ އޮފިޝަލުން ހާމަކުރިގޮތުގައި އޭނާ ހައްޔަރުކުރީ ހެޝިޝް އޮއިލް އެކުލެވޭ ވޭޕް ކާޓްރިޖްތަކެއް އޭނާގެ ދަބަހުގައި ހުރުމުގެ ސަބަބުންނެވެ.

ގްރައިނަރގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމިނަމަވެސް އޭނާ ވަނީ އޭނާގެ ދަބަހުގައި އެތަކެތި ހުރީ އޮޅުމަކުންކަމަށް ބުނެފައެވެ. އަދި އާއިލާއާއި ބައިވެރިޔާގެ ކިބައިން އޭނާ ވަނީ މައާފަށްވެސް އެދިފައެވެ.

މީ ކުރެވުނު ކުށެއް. އުންމީދު ކުރަން ކޯޓުގެ ނިންމުމުގެ ސަބަބުން މި ހިސާބުން ހަޔާތް މެދުކެނޑުމަކަށް ނާންނާނެ ކަމަށް.
ބްރިޓްނީ ގްރައިނަރ

މި މައްސަލައިގެ ޝަރީއަތް ނިމިފައިވުމާއެކު ގްރައިނަރ މިނިވަންކުރުމުގެ މަޝްވަރާތައް އެމެރިކާއާއި ރަޝިޔާއާ ދެމެދު ފަށާނެކަމަށް ބެލެވެއެވެ.

9 އަހަރަށް ޖަލަށް ލުމުގެ އިތުރުން 16590 ޑޮލަރުން ގްރައިނަރ ޖޫރިމަނާ ކުރުމަށްވެސް ރަޝިޔާގެ ކޯޓުން ވަނީ ނިންމާފައެވެ.

2019 ވަނަ އަހަރުން ފެށިގެން ފިއޮނިކްސް މަރކަރީއަށް ކުޅެމުން އަންނަ ގްރައިނަރއަކީ 2014ން ފެށިގެން ވިމެންސް ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (ޑަބްލިއުއެންބީއޭ) ލީގުގައި ކުޅެމުން އަންނަ ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެފަހަރު ރަންމެޑަލްވެސް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް