ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 13:34
މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއްގެ ތެރޭގައި
މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއްގެ ތެރޭގައި
ނިއު ސައުތު ވޭލްސް ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
އޮސްޓްރޭލިއާގެ އެންމެ ބޮޑު ޑްރަގް ބަސްޓް: ބިލިއަން ޑޮލަރަށް އަގު އަރާ
އެތަކެތީގެ މަގުމަތީ އަގު 1.6 ބިލިއަން އެމެރިކާ ޑޮލަަރަށްވުރެވެސް މަތިވާނެ
މިއީ އެ ޤައުމުގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ފަހަރު
މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކަކާއި ގުޅުންހުރި މައްސަލައެއްކަމަށް ބެލެވޭ

އޮސްޓްރޭލިއާގެ ފުލުހުން ގާތްގަނޑަކަށް 2 ޓަނުގެ ޑްރަގު އަތުލައިގެންފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިއީ އެ ޤައުމުގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ފަހަރެވެ. އެގޮތުން މިފަހަރު އަތުލައިގެންފައިވަނީ 1800 ކިލޯގްރާމްގެ މެތަމްފެޓެމިންއެވެ. އެތަކެތި އަތުލައިގެންފައިވަނީ ސިޑްނީ ބަނދަރުގައި ހުރި ޝިޕިންގ ކޮންޓެއިނަރުތަކަކުންނެވެ.

އެ ކޮންޓެއިނަރުތަކަކީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެކެވެ. އެގޮތުން ޑްރަގް ފޮރުވާފައި ހުރީ އޭގެ ތެރޭގައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަކެތީގެ މަގުމަތީ އަގު 1.6 ބިލިއަން އެމެރިކާ ޑޮލަަރަށްވުރެވެސް މަތިވާނެއެވެ.

މި މައްސަލައާ ގުޅިގެން މިހާރު 3 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުންނަކީ މެދުއިރުމަތިން މިތަކެތި އޮސްޓްރޭލިއާއަށް އެތެރެކުރިކަމުގެ ތުހުމަތުވާ މީހުންނެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކަކާއި ގުޅުންހުރި މައްސަލައެއްކަމަށް ބެލެވެއެވެ.

އެ ޤައުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންވެސް ވަނީ އެހައި ބޮޑު އަދަދަކުން އެއްވެސް ޖެހިލުމެއް ނެތި މަސްތުވާތަކެތި އެތެރެ ކުރުމަކީ އެމީހުންނަށްވެސް ހައިރާންކަން ގެނުވި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އޮސްޓްރޭލިއާގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، އެކަމުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައްވެސް އިތުރުވަމުންދާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެ ޤައުމަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް މެތަމްފެޓެމިން ބޭނުންކުރާ އެއް ޤައުމުކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން އެ ޤައުމުގެ އާބާދީގެ 6 އިންސައްތަ މީހުން މި ޑްރަގް ބޭނުންކޮށްފައިވާކަމަށް މާހިރުން އަންދާޒާ ކުރެއެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ 1.2 މިލިއަން މީހުންނެވެ.

މިމަހުގެ ކުރީކޮޅު ވެސް އެ ޤައުމުގެ ފުލުހުން ވަނީ ސިޑްނީގެ ބަނދަރު ކައިރިން 150 ކިލޯގްރާމްގެ މެތަމްފެޓެމިން އަތުލައިގެންފައެވެ.

- ކޮމެންޓް