މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޑްރޮޕް ނީގެ ސެމީ ފައިނަލްގައި ޑޭވިޑް ހަބާޑްއާ ވާދަކޮށް ރާއްޖޭގެ އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ)އަށް ނާކާމިޔާބުވެއްޖެއެވެ.
ރާޅުގަނޑު ސަރަހައްދުގައި މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ ޑްރޮޕް ނީގެ ސެމީ ފައިނަލްގެ ދެ ވަނަ ހީޓުގައި އައްޔައާ ވާދަކުރި ހަބާޑް އަކީ މިވަގުތު ދުނިޔޭގެ ރޭންކިން އެެއް ވަނައިގައި އޮތް އެތުލީޓެވެ. އައްޔަގެ މައްޗަށް ހަބާޑް ކުރި ހޯދީ ދެ ރާޅުން ޖުމުލަ 13.25 ސްކޯ ހޯދައިގެންނެވެ. އެއީ އަށް ވަނަ ރާޅުގައި ލިބުނު 6.00 ސްކޯއާއި ނުވަ ވަނަ ރާޅުގައި ލިބުނު 7.25 ސްކޯއިންނެވެ. މި ހީޓުގައި އައްޔަށް އަށް ލިބުނީ ދެ ރާޅުން ޖުމުލަ 6.10 ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި ލިބުނު 3.50 ސްކޯއާއި ހަތަރު ވަނަ ރާޅުގައި ލިބުނު 2.60 ސްކޯއިންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި އަމައުރީ ލަވާންހޭ ވަނީ ފެބިއެން ތަޒާގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ ދެ ރާޅުން ޖުމުލަ އޭނާއަށް ލިބުނު 13.00 ސްކޯއިންނެވެ. އެ ސްކޯ އޭނާ ހޯދީ ހަވަނަ ރާޅު އަދި ހަތް ރާޅުން 6.50 ސްކޯ ހޯދައިގެންނެވެ. ތަޒާއަށް މި ހީޓުގައި ލިބުނީ 10.15 ސްކޯއެވެ. އެއީ ހަތަރު ވަނަ ރާޅުގައި ލިބުނު 4.25 ސްކޯއާއި އަށްވަނަ ރާޅުގައި ލިބުނު 5.90 ސްކޯއިންނެވެ.
ޑްރޮޕް ނީގެ ފައިނަލްގައި ވާދަކުރާނީ ދުނިޔޭގެ ރޭންކިން އެއް ވަނަ ހާބާޑްއާއި، އަމައުރީއެވެ.