ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 23:41
ކުޑަހުވަދޫގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
ކުޑަހުވަދޫގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ކުޑަހުވަދޫ މުޒާހަރާ
ކުޑަހުވަދޫގެ މުޒާހަރާގައި ފަތުރުވެރިން ހައިޖެކް ކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: މުޒާހަރާގެ ބައިވެރިން
ރައްޔިތުން އެއްވެ ކުރީ ސުލްހަވެރި މުޒާހަރާއެއް
ފަތުރުވެރިން ހައިޖެކް ކުރި ކަމަށް ބުނާ ވާހަކައަކީ ބަލައިގަނެވޭނެ ކަމެއް ނޫން

މަންތާ އެއަރގެ ފުލައިޓަކަށް ބަލި މީހަކު އަރުވަން ދެކޮޅު ހެދި މައްސަލައިގައި ދ. ކުޑަހުވަދޫ ރައްޔިތުން މުޒާހަރާ ކުރިއިރު މަންތާގެ ފްލައިޓްގައި ދަތުރުކުރި ފަތުރުވެރިން ހައިޖެކް ކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ބުނެފިއެވެ.

މުޒާހަރާގައި ބައިވެރިވި މީހަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ އެ ދުވަހު ރައްޔިތުން އެއްވެ ސުލްހަވެރި މުޒާހަރާ ކުރިއިރު ބައެއް ވީޑިއޯތަކުން ފްލައިޓު ޖައްސާ ފަތުރުވެރިން އެރަށަށް ފޭބި މަންޒަރު ވެސް ފެންނަން ހުރި ކަމަށެވެ. އޭނާ ބުނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރަށު ކައުންސިލުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނުނެރޭތީ އެއީ ގިނަ ރައްޔިތުން ކަންބޮޑުވާކަމެއް ކަމަށެވެ.

ބަލިމީހުން ފްލައިޓްގައި ނުއުފުލާ މައްސަލަ ދިމާވަނީ އަލަށް ނޫން ކަމަށާއި މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެ ދުވަހު ކަން ހިނގާދިޔަ ގޮތް ރާއްޖެއެމްވީއާ ހިއްސާކުރަމުން އެމީހާ ބުނީ އޮގަސްޓް އެއްވަނަ ދުވަހުގެ ރޭ 10:30ހާއިރު އެއަރޕޯޓަށް ދިޔަ ކަމަށާއި ބަލިމީހާ އުފުލައި ދިނުމަށް މަންތާގައި ގިނަ ރައްޔިތުން އެދުނު ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދިން ކަމަށް އޭނާ ފާހަގަކުރިއެވެ.

ރައްޔިތުންގެ ޑިމާންޑްތަކަށް ފަސް އަހަރުވިއިރު ބަލިމީހުން އުފުލުމުގައި ދަތިތައް ދިމާވާ ކަމަށާއި އޭވިއޭޝަން ޤަވާއިދުތަކަކީ ބަދަލު ކުރެވޭނެ ޤަވާއިދުތަކެއް ކަމަށް އޭނާ ބުންޏެވެ. އަދި ރައްޔިތުންގެ އެދުމާއި އެއްގޮތަށް ފަސޭހަ ގޮތެއް ހަދައި ދިނުމަކީ އޮތް ކަމެއް ކަމަށް ވެސް އެމީހާ ބުންޏެވެ.

މިއީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް އެ ރަށުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއެއް ނޫން ކަމަށާއި ފިކުރުގެ ގޮތުން ތަފާތު ގިނަ މީހުން ސުލްހަވެރި މުޒާހަރާގައި ބައިވެރިވާ ކަމަށް ބުންޏެވެ. އޮގަސްޓް އެއްވަނަ ދުވަހުގެ ރެއިން ފެށިގެން މުޒާހަރާ ކުރަމުންދާއިރު މިހާރު މަންތާ އެއަރގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެމީހާ މިހެން ބުނެފައިވާއިރު މަންތާ އެއަރގެ ފުލައިޓަކަށް ބަލި މީހަކު އަރުވަން ދެކޮޅުހެދިކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައިގައި މުޒާހަރާކުރަމުންދާ މީހުން ވަނީ މަންތާގެ ފްލައިޓްގައި ދަތުރުކުރި ފަތުރުވެރިން ހައިޖެކްކޮށްފައިކަމަށް، އެ އެއަރލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވަނީ ވިދާޅުވެފައެވެ.

މަންތާ އެއަރއިން ވަނީ މަންތާ އެއަރއިން ބޭނުންކުރާ ސީޕްލޭންތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާ އެއްގޮތަށް ބެލި ނަމަވެސް ނުކުރެވޭނެ ކަމެއްކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

- ކޮމެންޓް