ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 17:06
އައިމަން އައްޒަވާހިރީ - އަލްގާއިދާގެ މަރާލެވުނު ލީޑަރު
އައިމަން އައްޒަވާހިރީ - އަލްގާއިދާގެ މަރާލެވުނު ލީޑަރު
ގެޓީ އިމޭޖަސް
އައިމަން އައްޒަވާހިރީ މަރާލުން
އައިމަން އައްޒަވާހިރީގެ މަރަށްފަހު އަލްގާއިދާ އުވިދާނެތަ؟
 
އައިމަން އައްޒަވާހިރީ މަރާލާފައިވަނީ އޭނާގެ އާދައިގެމަތިން، އިރުއެރި ވަގުތު ޓެރަސްމަތީ ހުއްޓައިކަމަށްވޭ

އަލްގާއިދާ ޖަމާއަތުގެ އެންމެ އިސް ލީޑަރ އައިމަން އައްޒަވާހިރީ މިވަނީ އެމެރިކާ ސިފައިންގެ ކުއްލި ޑްރޯން ހަމަލާއެއްގައި އާދީއްތަ ދުވަހު މަރާލާފައެވެ. މިއާއެކު އެންމެންގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ އަލްގާއިދާ ޖަމާއަތަށް ދެންވާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ.

އައިމަން އައްޒަވާހިރީ މަރުވެއްޖެކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ޚަބަރު ފެތުރިގެން ދިޔައެވެ. ނަމަވެސް އެކަން ކަށަވަރުވާނެ ގޮތް އޮތީ ނުވެފައެވެ.

އަލްގާއިދާގެ ފެށުން

އަލްގާއިދާ ޖަމާއަތް އުފެދިގެންއައީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނަށް ވެރިވެގެންތިބި ސޯވިއެޓް ބާރުތަކާ ދެކޮޅަށް ޖިހާދުކުރަން ނުކުތް މުޖާހިދުން ތެރެއިން ކަމަށްވެއެވެ. މީގެ ތެރޭގައި ގިނައީ އަރަބި ވޮލަންޓިއަރ ހަނގުރާމަވެރިންނެވެ. އަލްގާއިދާގެ އަރަބި މާނައަކީ "ދަ ބޭސް" ނުވަތަ ބިންގާކަމަށް ވާއިރު، ހަގުރާމަވެރިންގެ ޖަމާއަތުން އަލްގާއިދާ މިނަމުގެ ދަށުން އިސްކަމެއް ދީގެން ކުރަމުން އައި ކަމަކީ ހުޅަގާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމެވެ.

އެޖަމާއަތުން ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއަކީ 2001ގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު 4 މަތިންދާބޯޓު ބޭނުންކޮށްގެން އެމެރިކާގެ މުހިންމު ތަންތަނަށް ދިން ހަމަލާތަކެކެވެ. ދެ ބޯޓު ޓްވިން ޓަވަރ އިމާރާތުގެ ދެ ޓަވަރުގައި ޖައްސައި އެތަންތަން ގޮއްވާލާފައިވާއިރު ތިންވަނަ ބޯޓު ވަނީ ޑިފެންސް ޑިޕާޓްމަންޓް ހިންގާ ޕެންޓަގަން އިމާރާތަށް ވައްޓާލާފައެވެ. ހަތަރުވަނަ ބޯޓު ތަނެއްގައި ނުޖެއްސެނީސް ފަސިންޖަރުން ޓެރަރިސްޓުންގެ މައްޗަށް ބާރުގަދަކުރިއެވެ. އެހެންނަމަވެސް އެބޯޓުވެސް ވަނީ ހުސް ބިމަކަށް ވައްޓާލާފައެވެ. އަދި ބޯޓުގައި ތިބި އެންމެން މަރުވިއެވެ.

އެދުވަހުގެ ހަމަލާތަކުގައި އެކަނިވެސް އެމެރިކާގެ ތިންހާހެއްހާ މީހުން މަރުވެފައިވެއެވެ. ސެޕްޓެމްބަރ 11ގެ ހަމަލާ ރާވައި ހިންގާފައިވަނީ އަފްޣާނިސްތާނުގެ ފަރުބަދަތަކުތެރޭގައި ހިންގަމުން އައި ތޯލިބާން ޖަމާއަތުގެ ބޭސްތަކުގައެވެ. އެހެން ކަމުން އެމެރިކާއާއި އިގިރޭސިވިލާތް ގުޅިގެން އަފްޣާނިސްތާނަށް އަރައި، އަފްޣާނިސްތާނުގެ ވެރިކަމުގައި ތިބި ތޯލިބާނުންނާއި އަލްގާއިދާ އެގައުމުން ބޭރުކުރިއެވެ.

އެއަށްފަހުވެސް އެމެރިކާއިން ގެންދިޔައީ ސެޕްޓެމްބަރ 11 ހަމަލާ ދިން އަލްގާއިދާ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން ހޯދަމުންނެވެ. އަދި 10 އަހަރުފަހުން ފެނުމުން، 2011 ވަނައަހަރުގެ މޭމަހު އޭނާ ވަނީ މަރާލާފައެވެ.

އުސާމާ ބިން ލާދިންއާއި އައިމަން އައްޒަވާހިރީގެ ގުޅުން

އައިމަން އައްޒަވާހިރީއާއި އުސާމާ ބިން ލާދިން

އުސާމާ ބިން ލާދިންއާއި އައިމަން އައްޒަވާހިރީއަކީ ގާތް ދެ ރަހުމަތްތެރިން ކަމަށްވެއެވެ. ސެޕްޓެމްބަރ 11ގެ ހަމަލާ ރޭވުމުގައިވެސް އައިމަން އައްޒަވާހިރީ އުސާމާ ބިން ލާދިންއަށް ވަރަށް ބޮޑަށް އެހީތެރިވިކަމަށްވެއެވެ. ފައިސާ ހޯދުމާއި ޖާނުން ފިދާވެގެން ހަމަލާދޭނެ ޕައިލެޓުން ހޯދުމުގައެވެ. 

2011 ވަނަ އަހަރުގެ މޭމަހު އުސާމާ ބިން ލާދިން މަރާލެވުމަށްފަހު، އަލްގާއިދާގެ ވެރިކަމާ ހަވާލުވީ އައިމަން އައްޒަވާހިރީއެވެ.

މިސްރުގެ ރައްޔިތެއްކަމަށްވާ އައިމަން އައްޒަވާހިރީއަކީ ލޮލުގެ ސަރޖަންއެކެވެ. އަލްގާއިދާގެ ވެރިކަމުގައި އޭނާ ހުރި 11 އަހަރުވެސް، އޭނާގެ ކުރިން ހުރި އުސާމާ ބިންލާދިންއަށް ލިބުނު ތާއީދާއި ލޯބި އައިމަންއަށް ލިބިފައެއްނުވެއެވެ. އޭނާއަކީ "މާސް އެޕީލް" ނެތް ލީޑަރެއްކަމަށް އޮތީ ގަބޫލުކުރެވިފައެވެ. ހުޅަނގަށް ހަމަލާތައް ދޭން ގޮވާލައި އޭނާ ނެރޭ ވީޑިއޯ މެސެޖްތަކުގައިވެސް މާބޮޑު އަސަރެއް ނުހުންނަކަމަށްވެއެވެ.

އެހެންކަމުން އަލްގާއިދާގެ ގިނަ މެމްބަރުންތަކެއް، އެދުވަސްވަރު އުފެދިގެން އައި އެފަދަ އެހެން ޖަމާއަތެއްކަމަށްވާ އައިސިސްއަށް ވެސް ވަނީ ބަދަލުވެފައެވެ. މެމްބަރުން ގަނެވި، ސިއްރުތައްވެސް ގަނެވޭ ހިސާބަށް ކަންތައްތައް ވަނީ ގޮސްފައެވެ.

މިދިޔަ އަހަރު އަލުން ތޯލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އަނެއްކާވެސް އަލްގާއިދާއަށްވެސް އަފްޣާނިސްތާނުގެ އެތެރޭގައި ބާރުގަދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އެހާދުވަހާޖެހެންދެން ފިލައިގެން އުޅުނު އައިމަން އައްޒަވާހިރީ ފަހުން ހުރީ އަފްޣާނިސްތާނުގައެވެ. އޭނާ ހުރިތަނެއް އެމެރިކާ ސިފައިންނަށް ބުނެދިނީ ކޮންފަރާތަކުންކަމެއް ނޭނގެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެމައުލޫމާތު ދިނީ ޕާކިސްތާނުންނެވެ.

އައްޒަވާހިރީ އުޅެމުން އައީ ކާބުލްގެ ފަރުބަދަމަތީ ހިސާބެއްގައި ވަކިން ހުރި ގެއެއްގައެވެ. ތޯލިބާނުންގެ މަދަދާއެކު، ބިރެއްނެތި މިނިވަންކަމާއެކުއެވެ. އޭނާގެ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އިރުއަރާ ވަގުތު ގޭގެ ޓެރަސް މަތީގައި އެކަނި އިރުކޮޅަކު ހުންނަކަމަށްވެއެވެ. އެދުވަހު އެތަނުގައި ހުއްޓައި ކުއްލިއަކަށް އައީ އެމެރިކާ ޑްރޯއަކުން ދިން ބާރުގަދަ ދެހަމަލާއެވެ. ތަން ގުގުމައިގެން ދާހާ އަޑުގަދަ ހަމަލާއެކެވެ. އެއާއެކު އޭނާވަނީ މަރުވެފައެވެ.

މިކަންވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޒަވާހިރީ ހުރިކަމަށް ބުނާ ގެ - މިހާރުވަނީ ފޭލިދަމައި ފޮރުވާފައި

އުސާމާ ބިން ލާދިންއަކީ ސައޫދީ ރައްޔިތަކަށްވާއިރު، އައިމަން އައްޒަވާހިރީއަކީ މިސްރު މީހެކެވެ. އެހެން ކަމުން ސީރިޔާ، އިރާގު، އަދި ލުބްނާންފަދަ އެމެރިކާގެ ހަމަލާތައް އަމާޒުވާ އަރަބި ގައުމުތަކުގެ ތެރޭގައި އަލްގާއިދާ ޖަމާއަތް އަލުން ނަގަހައްޓާނެ ވަރުގެ ހިތްވަރުހުރި މީހުން ނެތިހިނގައިދާނެ ކަމަށް ބެލުމަކީ ހަމަޖެހޭކަމެއްނޫނެވެ.

އެމެރިކާއިން މިހާރުވެސް ވަނީ އޭނާގެ މަރާގުޅިގެން އަލްގާއިދާއިން ދީފާނެ ހަމަލާތަކަކަށް ތައްޔާރުވެގެން ތިބުމަށްވެސް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް