ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 15:08
މަހަރަޝްތްރާގެ ގަވަރުނަރާއި ރައީސް ބައްދަލުކުރައްވަނީ
މަހަރަޝްތްރާގެ ގަވަރުނަރާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސްގެ އިންޑިއާ ދަތުރުފުޅު
ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ވަފްދުގެ ޝަރަފުގައި މަހަރަޝްތުރާގެ ގަވަރުނަރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
ރައިސުލްޖުމްހޫރިއްޔާ އާއި މަހާރާޝްތުރާގެ ގަވަރުނަރު ވަނީ، ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މުމްބާއީގެ ރާޖް ބަވަންގައި ބޭއްވެވި މި ފަރިއްކޮޅުގައި، ރައިސުލްޖުމްހޫރިއްޔާ އާއި މަހާރާޝްތުރާގެ ގަވަރުނަރު ވަނީ، ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ޞާލިޙު މުމްބާއީއަށް ވަޑައިގެންނެވީ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގައެވެ. އަދި އެމަނިކުފާނު ވަނީ ނިއުދިއްލީގައި ބޭއްވި، އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


Advertisement
- ކޮމެންޓް