ހަތަރު ޤައުމަކުން ގުޅިގެން 2030 ގެ ވޯލްޑް ކަޕް ބާއްވަން ބިޑުކުރުމަށް ތައްޔާރުވެއްޖެއެވެ.
މި ހަތަރު ޤައުމަކީ ދެނުކު އެމެރިކާއަށް ނިސްބަތްވާ ހަތަރު ޤައުމެވެ. އެއީ އުރުގުއޭ، އާޖެންޓީނާ، ޗިލީ އަދި ޕެރަގުއޭއެވެ. މިކަމާ ގުޅިގެން އުރުގުއޭގެ ރައީސް ލުއިސް ލަސާލޭ ޕޮއޮ ބުނީ ލީޑަރުންގެ އުންމީދަކީ އަނެއްކާވެސް ދެކުނު އެމެރިކާގައި ވޯލްޑް ކަޕް ބޭއްވުން ކަމަށެވެ.
މިކަމާ ގުޅިގެން ދެކުނު އެމެރިކާގެ ފުޓުބޯޅަ މައި އިދާރާ ކޮންމެބޮލްގެ ރައީސް އަލަހަންދުރޯ ޑޮމިންގޭޒް ވިދާޅުވީ، އެއީ އެ ސަރަހައްދުގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ މީހުންގެ މަސައްކަތަކީ މީގެ އަހަރުތަކެއް ކުރިން ވޯލްޑް ކަޕްގެ ފެށުން އައި ތަނަށް އަލުން އަނބުރާ މުބާރާތް ގެނައުން ކަމަށެވެ. އަދި އެއީ އެ މީހުން ހުށަހަޅާ ބިޑު ޤަބޫލުކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އަށް އެކަށީގެންވާ ސަބަބަކަށް ވާނެ ކަމަށެވެ.
މި ހަތަރު ޤައުމުން މުބާރާތް ބޭއްވުމަށް ބިޑު ކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. އޭގެ ކުރިން 2014 ވަނަ އަހަރު މުބާރާތް ބޭއްވީ ބްރެޒިލްގައެވެ. މި ހަތަރު ޤައުމުގެ އިތުރުން ސްޕެއިން އަދި ޕޯޗުގަލް ގުޅިގެން ވެސް ވަނީ 2030 ގެ މުބާރާތް ބޭއްވުމަށް ބިޑުކޮށްފައެވެ.