ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 08:51
ޖެންޑާ މިނިސްޓްރީގެ ޖޫން މަހުގެ ތަފާސްހިސާބުތައް
ޖެންޑާ މިނިސްޓްރީގެ ޖޫން މަހުގެ ތަފާސްހިސާބުތައް
ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް
ޖޫން މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 126 މައްސަލަ!
ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް 248 މައްސަލަ ވަނީ ހުށަހަޅާފައި
ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 196
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު އިހުމާލުވެގެން 15 މައްސަލަ އަދި އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ 4 މައްސަލަ ވަނީ ހުށަހަޅާފައި

ޖޫން މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 126 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ ޖޫން މަހު އެ ވުޒާރާއަށް ޖުމުލަ 248 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލައެވެ. މި ބާވަތުގެ 28 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނާމެދު އިހުމާލުވެގެން ހުށަހަޅާފައިވާ އިތުރު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، ގެވެށި އަނިޔާކުރާ މަންޒަރު ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލަ އާއި، ޖިންސީ ގޯނާގެ 24 މައްސަލަ އަދި ޖިސްމާނީ އަނިޔާގެ 16 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ސައިބަރ ބުލީކުރުމުގެ ޝިކާރައަކަށް ވެގެން ހުށަހަޅާފައިވާ 2 މައްސަލަ އާއި ނާޖާއިޒް ގޮތުގައި ވިޔަފާރީގެ ބޭނުމަށް ކުޑަކުއްޖަކު ބޭނުން ކުރުމުގެ 1 މައްސަލައިގެ އިތުރުން، ހަންގާ ކުރުމުގެ 1 މައްސަލަ އަދި ބްލެކްމެއިލްކޮށްގެން 1 މައްސަލަ ހުށަހަޅާފައިވެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުގެ އިތުރު ތަފްސީލަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 40 މައްސަލަ ޖޫން މަހު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 22 މައްސަލަ އަކީ ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ތެރެއިން ރިޕޯޓްކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ޖިންސީ އަނިޔާގެ 4 މައްސަލަ، ތަކެތި ހިފަހައްޓާ ގެއްލުން ދިން 1 މައްސަލަ، ބިރުދެއްކުމުގެ 3 މައްސަލަ، ކޮންޓްރޯލްކުރުމުގެ 1 މައްސަލަ އަދި ރޭޕްކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުއްޖެއްގެ ހައްގެއް ގެއްލޭ ގޮތަށް ޢަމަލުކޮށްގެން 4 މައްސަލަ، ކުޑަކުދިން ސްކޫލަށް ފޮނުވަން ދެކޮޅު ހެދި 3 މައްސަލަ އަދި ވެކްސިން ދިނުމަށް ދެކޮޅު ހެދި 1 މައްސަލަ މިދިޔަ ޖޫން މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންގެ އަހުލާގާއި ގުޅޭ 12 މައްސަލަ އަދި ސްކޫލަށް ދާން ދެކޮޅު ހެދުމުގެ 1 މައްސަލަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ.

ޖޫން މަހުގެ ތަފާސްހިސާބުތަކުން އެނގެން ހުރި އިތުރު ކަންކަމަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 196އެވެ. އަދި 4 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު 6 ކުއްޖަކު އާއިލާ އާއި ހަވާލުކޮށްފައިވެއެވެ. އަދި 1 ކުއްޖަކު ވަނީ ފޮސްޓަރ އާއިލާއަކާއި ހަވާލުކޮށްފައެވެ.

ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އާއިލީ މައްސަލަތަކުގެ ގޮތުގައި 26 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބެލެނިވެރިކަމުގެ 13މައްސަލަ އާއި ދަރިފުޅާއި ބައްދަލުކުރުމާއި ގުޅޭ 11 މައްސަލަ އަދި ބަލަދުވެރިކަމާއި ގުޅޭ 2 މައްސަލަ ހިމެނެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުން އެނގޭ ގޮތުން ޖޫން މަހު އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކޮށްގެން ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ފަދަ އަމަލެއް ކުރުމުގެ ސަބަބުން 20 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ނުކުޅެދޭ މީހުންނާމެދު އިހުމާލުވެގެން 15 މައްސަލަ އަދި އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ 4 މައްސަލަ ވަނީ ހުށަހަޅާފައެވެ.        

- ކޮމެންޓް