ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 18:00
ބްރިޓަންގެ ޑިފެންޑަރު މާކް ކުކުރޭލާ
ބްރިޓަންގެ ޑިފެންޑަރު މާކް ކުކުރޭލާ
ގެޓީ އިމޭޖަސް
ސަމަރ ޓްރާންސްފަރ
ކުކުރޭލާ ޑީލް ހައިޖެކްކުރުމަށް ޗެލްސީން މަސައްކަތްކުރަނީ!
 
ސިޓީން ކުކުރޭލާ ހޯދުމަށް ބްރިޓަންއަށް ހުށަހެޅީ 40 މިލިއަން ޕައުންޑުގެ ބިޑެއް
 
މީގެ ދެތިން ހަފުތާ ކުރިން ކުކުރޭލާއާއެކު ޕަރސަނަލް ޓަރމްސްގެ އެގްރިމެންޓެއްވެސް ސިޓީން ހެދި

މެންޗެސްޓަރ ސިޓީން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ބްރިޓަންގެ މާކް ކުކުރޭލާ ޑީލް ހައިޖެކް ކުރުމުގެ މަސައްކަތް ޗެލްސީން ފަށައިފިއެވެ.

މި ސަމަރ ޓްރާންސްފަރ ފެށުނު ހިސާބުން ސިޓީން ވަނީ ކުކުރޭލާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި މީގެ ދެތިން ހަފުތާ ކުރިން ކުކުރޭލާއާއެކު ޕަރސަނަލް ޓަރމްސްގެ އެގްރިމެންޓެއްވެސް ސިޓީން ހެދިއެވެ. ނަމަވެސް ކުކުރޭލާ ކުޅެމުން އަންނަ ބްރިޓަންއިން ވަނީ އޭނާ ދޫކުރުމަށް ދެކޮޅުހަދާފައެވެ. ސިޓީން ކުކުރޭލާ ހޯދުމަށް ބްރިޓަންއަށް ހުށަހެޅީ 40 މިލިއަން ޕައުންޑުގެ ބިޑެކެވެ. ނަމަވެސް ބްރިޓަންއިން ވަނީ އެބިޑް ރިޖެކްޓް ކޮށްފައެވެ. އެކްލަބުން އޭނާ ދޫކުރާނެކަމަށް ބުނީ އެންމެ ކުޑަވެގެން 50 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ކުކުރޭލާ ހޯދުމުގެ މަސައްކަތް ސިޓީން ކުރަމުން ދަނިކޮށް، ޗެލްސީންވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. ވާތުފަޅިން ފަހަތަށް ކުޅޭ ޑިފެންޑަރު ހޯދުމަށް ޗެލްސީން މިއަދު ބްރިޓަންއާ މަޝްވަރާކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަޝްވަރާގައި ކުކުރޭލާ ހޯދުމަށް ޗެލްސީން ބްރިޓަންއަށް ދޭންޖެހޭ އަގަކާއި، މި ޑީލްގައި އިތުރު ކުޅުންތެރިއެއް ހިމެނުމާގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ޕަރސަނަލް ޓަރމްސްތަކާ ގުޅޭގޮތުން ކުކުރޭލާއާ ޗެލްސީން މަޝްވަރާކުރާނެކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކުކުރޭލާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަބަބަކީ ކުކުރޭލާއަކީ އެޓޭކްގައިވެސް ވަރަށް ބޮޑަށް ބައިވެރިވާ، ފެންވަރު ރަނގަޅު ޑިފެންޑަރަކަށް ވުމުންނެވެ. ނަމަވެސް ކުކުރޭލާ ނުލިބިއްޖެ ހާލަތެއްގައި ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ބޭނުން ކުރެވޭނެކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ކުކުރޭލާއަކީ ސިޓީއަށް ކިތަންމެ މުހިންމު ކުޅުންތެރިއެއް ނަމަވެސް، ކުރިން އެޓީމުން ހުށަހަޅާފައިވާވަރަށްވުރެ ބޮޑު އަގެއް ހުށަނާޅާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
0%
50%
ކޮމެންޓް