ގްރޫޕް ހަދައިގެން މާލޭގެ ގެއަކަށްވަދެ މާރާމާރީ ހިންގައި 3 މީހަކު ޒަހަމް ކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 10:45 ހާއިރު ކަމަށާއި މާރާމާރީ ހިންގާފައިވަނީ މާފަންނުގެ ގެއެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މަރާމާރީގައި އަނިޔާވެފައިވަނީ 23 އަހަރުގެ ފިރިހެނަކަށާއި 35 އަހަރުގެ ފިރިހެނަކަށާއި 36 އަހަރުގެ ފިރިހެނަކަށެވެ. އަނިޔާލިބުނު ތިން މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ގްރޫޕުތަކުގެ މައްސަލަކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މާލޭގައި އެކަނިވެސް 44 ގްރޫޕް ހަރަކާތްތެރިވާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގްރޫޕްތަކުގެ މެދުގައި މާރާމާރީތައް އިތުރުވި ނަމަވެސް ބުރާސްފަތި ދުވަހު މާފަންނުގެ ގެއަކަށްވަދެ ދިން ހަމަލާއަކީ ގްރޫޕްތަކުގެ މެދުގައި ހިނގި މާރާމާރީއެއް ކަމެއް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މާލޭގައި ހަރަކާތްތެރިވާ ގްރޫޕުތަކަށް ބަލާއިރު، މިހާތަނަށް އެނގިފައިވާ ގޮތުގައި މިފަދަ ގްރޫޕް ނުވަތަ ގޭންގް ތަކުގައި 2800 މީހުން އުޅޭކަމަށާއި، އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ގްރޫޕްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިގެންދިއުމުގެ ބިރު އެބައޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.