ސްރީލަންކާއަށް އިތުރު ފައިނޭންސިން ފޯރުކޮށްނުދޭން ވޯލްޑް ބޭންކުން ނިންމައިފިއެވެ.
ވޯލްޑް ބޭންކުން ހުކުރު ދުވަހު ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ ލަންކާއިން އެކަށީގެންވާ މެކްރޯއިކޮނޮމިކް ޕޮލިސީއެއް އެކުލަވާނުލަނީސް އެގައުމަށް އިތުރު މާލީ އެހީ ފޯރުކޮށްނުދޭން ނިންމާފައިވާކަމަށެވެ. ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ ދިމާވި މައިގަނޑު ސަބަބު ބަލައި އެކަމަށް ހައްލެއް ހޯދޭނެ ގޮތަކަށް ސްޓްރަކްޗަރަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
ލަންކާއިން މިވަގުތު ކުރިމަތިލަމުންދަނީ އެގައުމަށް މިނިވަންކަން ލިބުނު ފަހުން މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާއާއެވެ. އެގައުމުގެ ރައްޔިތުންނަށް ތެލާއި، ކާނާ ލިބުމަށް ވަނީ އިންތިހާއަށް ދަތިވެފައެވެ.
ވޯލްޑް ބޭންކުން ބުނީ އެ ބޭންކުން އެކި ފަރާތްތަކާ ގުޅިގެން އެގައުމުގައި މިކަންކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި، އަދި އިތުރު ޑިވެލޮޕްމެންޓް ޕާޓްނަރުންނާ ގުޅިގެން އެގައުމަށް އިތުރު އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.